ads
ރައީސް ނަޝީދާއި ޗައިނާ ސަފީރު--
ދުނިޔެއަށް ދަތި ހާލަތްތަކުގައި ޗައިނާއިން ދަރަންޏާ މެދު އަމަލު ކުރަނީ ކިހިނެއް؟
ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ މައްސަލަ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް ވަނީ ދިމާވެފަ އެވެ. ކޮވިޑް-19 ގެ ދަތި ހާލަތުގައި އެ މައްސަލަ ވަނީ އެތައް ގުނައެއް ބޮޑުވެގެން ގޮސްފަ އެވެ. އެހެންކަމުން ލޯނު މައާފުކޮށްދިނުމާއި، އަނބުރާ ދެއްކުން ފަސްކޮށްދިނުން ފަދަ ލުއިތައް ދިނުމަށް ޗައިނާއަށް ކުރާ ޕްރެޝަރު މިހާރު ވަނީ އިތުރުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކަށް މާލީ ގޮންޖެހުންތަކާ ވަނީ ދިމާވެފަ އެވެ. އެގޮތުން މިހާތަނަށް 90 ގައުމަކުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީއަށް އެދިފައި ވެއެވެ. އެއާއެކު މިދިޔަ މާޗު މަހު ވޯލްޑު ބޭންކާއި އައިއެމްއެފުން ވަނީ ޗައިނާގެ ލޯނުތަކަށް ލުއި ދިނުމަށް ގޮވާލާފަ އެވެ. 

މިފަދަ ދަނޑިވަޅެއްގައި ޗައިނާއިން އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޗައިނާއިން މި ވަގުތުގެ ބޭނުން ހިފާ، މުހިއްމު އެސެޓުތައް ހިފުމަށް މަސައްކަތް ކުރާނެ އެވެ. އެކަމަކު ބައެއް މީހުން ދެކޭ ގޮތުގައި ޗައިނާއިން މިހާރު ވެސް ވަނީ ބައެއް ގައުމުތަކުގެ ދަރަނި އެއްކޮށް މައާފުކޮށްދީފަ އެވެ. 

ޗައިނާއިން ދީފައިވާ ލޯނުތަކުގެ ބޮޑު ބަޔަކީ ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދީފައިވާ ލޯނެވެ. ގައުމުތަކަށް ފޯރުކޮށްދޭ ފައިސާގެ ތަފްސީލް ޗައިނާއިން ރަސްމީކޮށް ހާމަކުރުމުގެ އުސޫލެއް ނުގެންގުޅެ އެވެ. އެހެންކަމުން ދީފައިވާ ލޯނުތަކުގެ ސީދާ އަދަދެއް ނޭނގެ އެވެ. 

"ދަ ޑިޕްލޮމެޓް" ނޫހުން ވަނީ ޗައިނާގެ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގައި 1980 އިން 2019 އާ ހަމައަށް އަމަލުކޮށްފައިވާ ގޮތާއި ދަރަނި މައާފުކޮށްދިނުމުގައި އަމަލުކޮށްފައިވާ ގޮތްތައް ދިރާސާކޮށްފަ އެވެ. 

އެގޮތުން ދަރަނި މައާފުކުރުމަކީ ޗައިނާއިން އާއްމުކޮށް ކޮށްދޭ ކަމަކަށް ވެއެވެ. އެގޮތުން މާލީ އެނެލިސްޓަކު ބުނެފައިވާ ގޮތުގައި 2000 އިން 2018 އާ ދެމެދު ޗައިނާއަށް ދަރާފައިވާ ލޯނުތަކުގެ ދެބައިކޮށްފައި އެއް ބަޔަށް ވުރެ ބޮޑު ބައި މައާފުކޮށްދީފައިވާ ކަމަށް ވެއެވެ.

"ދަ ޑިޕްލޮމެޓް" ނޫހުން ރިޕޯޓުކުރި ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން އާމްދަނީ މަދުން ލިބޭ ގައުމުތަކުގެ ދަރަނީގެ ގޮތުގައި ހިމެނޭ ހަތަރު ބިލިއަން ޑޮލަރު ޗައިނާއިން ކެންސަލުކޮށްފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ލޯނަކީ ވެސް އިންޓްރެސްޓް ނެތް، ފޮރިން އެއިޑް ލޯނުތަކެވެ. 

އައިއެމްއެފް އާއި ވޯލްޑު ބޭންކުން އަމަލު ކުރާ އިގްތިސާދީ ކޮންޑިޝަންތަކަށް ޗައިނާއިން އަމަލެއް ނުކުރެ އެވެ. ދަރަންޏަށް ލުއި ހޯދަން ހުށަހެޅުމުން، އެކަމެއް ބަލަނީ ޗައިނާގެ ފިނޭންސް މިނިސްޓްރީ އާއި، ކޮމާސް މިނިސްޓްރީ އާއި އެގްޒިމް ބޭންކާއި ޑެވެލޮޕްމަންޓް ބޭންކުން އުފައްދާފައިވާ ކޮމިޓީއަކުންނެވެ. 

އޭގެ އިތުރުން ޗައިނާގައި ގިނަ އެޖެންސީތަކުން ލޯނު ދޭ މައްސަލަ ވެސް އޮވެއެވެ. އެގޮތުން 30 އަށް ވުރެ ގިނަ ބޭންކާއި ކުންފުނިތަކުން ލޯނު ފޯރުކޮށްދޭ ކަމަށް ވެއެވެ. 2007 ވަނަ އަހަރު އިރާގުގެ ދަރަނިތައް ޗައިނާއިން ކެންސަލުކޮށްދިނެވެ. އެކަމަކު އެއީ ހަމައެކަނި ޗައިނާ ސަރުކާރުން ދިން ލޯނުތަކެވެ. ޗައިނާގެ ކުންފުނިތަކަށް ދައްކަން ޖެހޭ 8.5 ބިލިއަން ޑޮލަރު ބާކީ އޮތެވެ. އެ އަދަދުގެ 80 އިންސައްތަ މައާފު ކުރުމަށް އިތުރު ތިން އަހަރުގެ މަޝްވަރާތައް އިރާގުން ކުރަން ޖެހުނެވެ.

ޗައިނާއިން ގައުމުތަކުގެ ހަރު މުދާ އަތުލާނެ ކަމަށް ބުނާ ވާހަކަ ދިރާސާ ކުރުމަށް ފަހު "ދަ ޑިޕްލޮމެޓު" ނޫހުން ބުނީ އެފަދަ އެއްވެސް ކަމެއް ކުރި ކަމުގެ ހެއްކެއް މިހާތަނަށް ނެތް ކަމަށެވެ. ލަންކާގެ ހަންބަންޓޯޓާ ޕޯޓު މައްސަލާގައި ޗައިނާއިން ފަންޑު ކުރި އެ ބަނދަރު ޗައިނާގެ އިންވެސްޓަރަކަށް ޕްރައިވެޓައިޒް ކުރީ 2017 ގައެވެ. މިފަދަ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތަކުގެ ސަބަބުން ގައުމުތަކުގެ އިސްތިގްލާލަށް ބުރޫ އަރާނެ ކަމުގެ ބިރު އޮވެއެވެ. 

ގައުމުތަކުން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގެ ވާހަކަ ދެކެވޭއިރު، ޗައިނާއިން ވެސް ބޮޑު ބޭރުގެ ދަރަންޏެއް އަދާ ކުރަން ޖެހެ އެވެ. އެގައުމުން ވަނީ 1.96 ޓްރިލިއަން ޑޮލަރުން ދަރަނިވެރިވެފަ އެވެ. 

ރާއްޖޭގެ ޗައިނާ ދަރަންޏަށް ވާނީ ކިހިނެއް؟

ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ނަޝީދު ވިދާޅުވީ ޗައިނާގެ ދަރަނި ދައްކަން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. 

"..މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ޗައިނާގެ ދަރަނިތައް ދެއްކުން ހަތަރު އަހަރަށް ފަސްކޮށްދޭނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސީއެންއެމުން ސުވާލު ކުރުމުން ރައީސް އޮފީހުން ވަނީ ލޯނުތައް ފަސްކޮށްދިންކަން ކަށަވަރުކޮށްދީފަ އެވެ. 

"ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް މިހާރު ވަނީ ފަސްކުރެވިފައި،" ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި އެވެ.

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ އެވެ. 

ސަރުކާރުން އެހެން ބުނެފައި ވަނިކޮށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އިއްޔެ ވިދާޅުވީ ޗައިނާގެ ސަރުކާރުން ލުއިދީފައި ވަނީ ހަމައެކަނި ސަރުކާރުގެ ލޯނުތަކަށް ކަމަށެވެ. 

ބޮންޑޭ ވިދާޅުވީ، ލުއިދީފައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ނަގާފައިވާ ސަރުކާރުގެ ލޯނުތަކަށް އެކަނި ކަމަށެވެ. އަދި އެ ލޯނުތައް ދެއްކުން ފަސްކޮށްދިނީ ހަތް މަހަށް ކަމަށް ވެސް ވިދާޅުވި އެވެ. 

ބޮންޑޭ އިތުރަށް ވިދާޅުވީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ފަސްކޮށްދީފައި ނުވާ ކަމަށާއި އެ ލޯނުތައް މުއްދަތަށް ނުދައްކައިފިނަމަ އެކަމުގެ ގެއްލުން ވެސް ވާނީ ހަމަ ދައުލަތަށް ކަމަށެވެ. 

އެހެންކަމުން ރާއްޖޭގެ ލޯނުތަކަށް ވެސް ވަމުން މި ދަނީ އިރާގު ފަދަ ގައުމުތަކުގެ ލޯނުތަކަށް ވީ ގޮތް ފަދަ ގޮތަކަށް ކަމަށް ވެދާނެ އެވެ. ލޯނުތައް ފަސް ކުރި ނަމަވެސް ދަރަނީގެ ބޮޑު ބައި އަދި އޮތީ އެވެ. އެ ބައި ރީސްޓްރަކްޗާކޮށް، އިތުރު ލުއިތަކެއް ހޯދުމަށް އަހަރުތަކެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ޗައިނާއަކީ ވެސް އެ ގައުމުން ދޫކޮށްފައިވާ ލޯނުތަކަށް ލުއި ދޭ ގައުމެއް ކަމެވެ. އެކަމަކު އެކަމަށް ކުރަން ޖެހޭ މަސައްކަތް އިތުރުވެފައި ބުރަަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް