އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާ ފަދަ ރާއްޖެއާއި އެކުވެރި ގައުމުތަކަށް އަމާޒުކޮށް ސާބިތު ނުހިފޭ ފަދަ ވާހަކަތަކެއް އިއްޔެ ރައީސް ނަޝީދު ދައްކަވާފައިވަނީ، ދަރިނި ބޮޑު ބަޖެޓާއި ގުޅިގެން ރައްޔިތުންގެ ފާޑުކިއުންތައް ސަރުކާރަށާއި އެމްޑީޕީއަށް އަމާޒުވަމުން އަންނާތީ އެކަންކަމުން ރެކުމުގެ ބޭނުމުގައި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ރާއްޖޭގެ އިގްތިސާދު ބަލިކަށިވެ ދަރަނި ބޮޑުވެފައި ވަނީ، މި ސަރުކާރުގެ އިސްރާފާއި ފަސާދަ ބޮޑުވުމުން ކަމަށާއި، އެކަމުގެ ޒިންމާއިން ރެކުމަށްޓަކައި ކުރީ ސަރުކާރަށާއި ބޭރުގެ ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކެވުމަކީ މި ސަރުކާރު ނުކުޅެދިފައި ވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އަދި ޕީޕީއެމްގެ ސަރުކާރުން، ރާއްޖޭގެ ތާރީހުވެސް ނުދެކޭ ފަދަ މުހިންމު ބޮޑެތި ތަރައްގީ ގެނެސްދީފައި ވާނެ ކަމަށާއި، ނެގި ހުރިހާ ލޯނެއް ދައްޗެއް ނެތި ދައްކާ ހަލާސް ކުރެވޭނެ ހަކަތަ ވެސް ގާއިމްކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އުފެއްދެވި ސޮވަރިން ފަންޑުގައި 900 މިލިއަން ޑޮލަރު ޖަމާކޮށްފައި ހުންނާނެ ކަމަށާއި، ދައުލަތުގެ އިތުރު އާމްދަނީތަކުގައި ނުޖެހި، އެ ފަންޑުން އެކަނިވެސް ޗައިނާގެ ދަރަނި އެއްކޮށް ހަލާސް ކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ ސަރުކާރެއް މިއަދު އޮތްނަމަ އެ ފަންޑުގައި އޭގެ ދެގުނަ ފައިސާ ރައްކާކުރެވިފައި ހުންނާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އިދިކޮޅުން ބުނީ، ކޮވިޑާއި ގުޅިގެން ދަރަނި ދައްކަން ދަތިވާނަމަ ދަރަނި ދެއްކުން ފަސްކޮށްދިނުމަށް ޗައިނާއިން ވަނީ މިހާރުވެސް އެއްބަސްވެފައި ކަމަށާއި، ނަމަވެސް މިހާލަތުގައިވެސް ރައްޔިތުންގެ ބޮލުގައި އިތުރު ދަރަނިތަކެއް އަޅުވައި، ބަޖެޓުގައި ދަރަންޏައް ބޮޑުބައެއް ހިމަނައިގެން ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ދަރަނީގެ ވާހަކަ ދައްކަން ޖާގަ ނޯންނާނެ ކަމަށެވެ.