ads
ފޮޓޯ:އެޗްޑީސީ
ކުއްޔަށް ލުއިދިނުން އެޗްޑީސީން ޑިސެމްބަރަށް ދަންމާލައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފުލެޓު، ގޯތި، ރޯހައުސް އަދި ކޯމާޝަލް ޔުނިޓް ތަކާއި ސިނާއީ ބިންތަކަށް މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އިންސްޓޯލްމަންޓް ކުލީގެ 30 އިންސައްތަ އަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމި ނިންމުން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެޗްޑީސީން ބުނީ ތިލަފުށިންނާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޯމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށްވެސް ލުއިދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އޭޕްރިލް މަހުން ފެށިގެން އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ %30 ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި 31 ޑިސެންބަރު 2020 ގެ ނިޔަލަށް، އެކޯޕަރޭޝަނުގެ ވެބްސައިޓްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުޅަހެޅޭނެ ކަމަށް ބުނެ އެވެ. 

އަދި އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ %30 ދެއްކުން ފަސްކޮށްދެވޭނީ 31 މާޗް 2020 އާ
ހަމަޔަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ކަމަށާއި ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ 70 އިންސައްތަ އެ ކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު، 15 ޖެނުއަރީ 2021 އާ ހަމަޔަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފްލެޓު، ގޯތި، ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުން ކުރިއަށްއޮތް މަސްތަކުގައި ވެސް އިންސްޓޯލްމަންޓްގެ %30 ރީފަންޑް ކުރަން ބޭނުންނަމަ އެކަން އެ ކޯޕަރޭޝަނަށް އެންގުމުން ރީފަންޑް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށެވެ. 

ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ މަސްތަކުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ %30 މިކޯޕަރޭޝަނަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ފައިސާ އަނބުރާ ދައްކަން ޖެހޭނީ އަންނަ އަހަރުގެ ފެބްރުއަރީގައި ކަމަށް އެޗްޑީސީން ބުނެ އެވެ. 

އޭގެ އިތުރުން އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެކި އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި މިކޯޕަރޭޝަނަށް ހުށަހެޅުމުން، އެ ކޯޕަރޭޝަނުން އަމަލުކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއް ދެވޭނެ ކަމަށެވެ. 

އެޗްޑީސީން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންސްޓޯލްމަންޓް ކުލީގެ %30 ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ވެބްސައިޓްގައިވާ ކޮވިޑް-19 އާ ގުޅިގެން ފައިސާ ދެއްކުން ފަސްކުރުމަށް ހުށަހަޅަންޖެހޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު، 31 ޑިސެންބަރުގެ ކުރިން ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް