ads
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ހަފުތާއަކުން ކޮވިޑްގެ ހަތަރު މަރު، އަދިވެސް ސަމާލުވާކަށް ނުވޭ؟
ކޮވިޑް-19 ގެ ދެވަނަ ރާޅު ހިނދިފައިވިޔަސް ފާއިތުވި ހަފުތާއަކީ މި ބަލީގެ ރާޅު ދިވެހި ގޮނޑުދޮށަށް ބީއްސާލި ފަހުން އައި އެންމެ ހިތްދަތި އެއް ހަފުތާ އެވެ. ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށްވެފައި ވިޔަސް މިދިޔަ ހަފުތާގައި ވަނީ ހަތަރު މީހަކު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފަ އެވެ. މިއީ ރާއްޖޭގައި ބަލި ފެތުރެން ފެށި ފަހުން ވެސް އެހާ ކުޑަ ދުވަސްކޮޅެެއްގައި ގިނަ ބައެއްގެ ފުރާނަ ގެެއްލުން ފުރަތަމަ ފަހަރެވެ.

ހަތަރު އާއިލާއަަކަށް މިދިޔަ ހަފުތާގައި އެ ހިތްދަތިކަމާއި ކުރިމަތިވިއިރު މާދަމާ އެކަމާއި ކުރިމަތިލާން ޖެހޭނީ އަޅުގަނޑުމެންގެ ތެރެއިން ކޮން ބަޔަކަށް ކަމެއް ވެސް ނޭނގެ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވެ، ހަމަ ނޭވާއެއްގައި ގައުމު އޮތަސް، މިކަމުން ނަގަންވީ ފިލާވަޅަކީ ގައިޑްލައިންތަކަށް ބޯލެނބުމުގެ މުހިއްމު ކަމެވެ. 

ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންނަށް ބަލާއިރު ބަލީގައި މަރުވި ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ ދުވަސްވީ މީހުންނެވެ. ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނަކީ ބަލީގެ ހައި ރިސްކް މީހުންގެ ގޮތުގައި ހިމެނޭ ކެޓަގަރީއެއްކަމުން އެމީހުންނާ މެދު ސަމާލުވުމުގެ މުހިއްމުކަން މިކަމުން ދޭހަވެ އެވެ. 

އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ބަލީގެ ކުރީކޮޅު ގަތް ބިރެއް މިހާރަކު ނުގަނެ އެވެ. ކޮވިޑް، މާލެއާ ހިސާބަށް އައި ވާހަކަ އިވި، ގެނައި ލޮކްޑައުންގެ ތެރޭގައި ވަރަށް ކިޔަމަންތެރިކަން ފެނިގެންދިޔަ ނަމަވެސް މިހާރަކު މާބޮޑު ސަމާލުކަމެއް ނުދެ އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ލުއިތައް ދިނީ ތަފާތު އެކި ގައިޑްލައިންތައް ހެދުމަށް ފަހެވެ. މިހާރު ގިނަ ގައިޑްލައިންތަކުގައިވާ ކަންކަމަށް ލުއިތައް ވެސް ދީފައިވާއިރު ބަލީގެ ކަންކަން ފެށުނީއްސުރެ ބާއްވަމުން އަންނަ ޕްރެސްތަކުގައި ވެސް މައިގަނޑު ގޮތެއްގައި ދެއްކި ވާހަކައަކީ ގައިގައި ހިތްވަރެއް ހުރިނަމަ މިއީ ރައްކާތެރިވާން ފަސޭހަ ބައްޔެއް ކަމެވެ. އެގޮތުން އަތްދޮވުމަށާއި މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަން ތަކުރާރުކޮށް އެދެމުންދިޔަ ނަމަވެސް މިއަދު ހަމަ ހަގީގަތުގައި ވެސް މި ކަންކަމަށް ސަމާލުކަން ދެވޭތޯ މިއީ ހިތާ ހިތުން ކޮށްލަން ރަނގަޅު ސުވާލެކެވެ. 

އޭގެ އިތުރުން ދުވަސްވީ މައިންބަފައިންނަށް ސަމާލުވުމަށް ތަކުރާރުކޮށް އެދުނަސް ބޭރުގައި އުޅުމަށް ފަހު ގެއަށްދާ ގޮތަށް އެމީހުންނާއި ބައްދަލުކުރުމުގެ ކުރިން ފެންވަރާއި ބޭރަށް ދިޔައިރު ލައިގެން ހުރި އަންނައުނު ބަދަލުކުރުމަށް ފަހު، އެމީހުންނާ ބައްދަލުކުރަނީ ކިތައް މީހުން ކަމެއް ވެސް މިހާރަކު ނޭނގެ އެވެ. ގިނަ ފަހަރަށް ގެއަށް ވަންނައިރު އަތް ދޮންނަން ވެސް މިހާރަކު ހަނދާނަކު ނުހުރެ އެވެ. މިއީ އެހާ ވެސް އާދައިގެ ބައްޔެއްކަމަށް ދެކިގެން އުޅެނިކޮށް މި ބަލީގައި ރާއްޖެއިން މިވަނީ 45 މީހަކު ވަކިވެ، ގޮސްފަ އެވެ. 

ކޮވިޑްގެ ކޭސްތައް މަދުވަމުންދާ މިންވަރެކޭ އެއްގޮތަށް ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްކުރުމުގެ ގޮތުން މިބަލިން ދުވަސްވީ މީހުން ސަލާމަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަން ކުރެވެން އޮތީ އަޅުގަނޑުމެން، ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެންނެވެ. މިއީ އަޅުގަނޑުމެންގެ ދުވަސްވީ މައިންބަފައިންގެ ހައްގުގައި ތެދުވެ، އެޗްޕީއޭގެ އާދޭސްތަކަށް ހުރުމަތްތެރިވާންވީ ވަގުތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް