ads
މީރާ--
ޖިނާއީ ކުށުގެ ތަހުގީގުތަކުގައި މީރާއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު އާއްމުކޮށްފި
ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު އާއްމުކޮށްފި އެވެ.

މީރާއިން މިމަހުގެ 16 ވަނަ ދުވަހު އާއްމުކޮށްފައިވާ "ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިހްތިސާސް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން އަމަލުކުރާނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ. 

އެ ގަވާއިދުގެ މަގުސަދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އިން މީރާއަށް ލިބިދީފައިވާ އިހްތިސާސްގެ ތެރެއިން، ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން މީރާއިން އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުމާއި، މީރާއިން ކުރިޔަށްގެންދާ ތަހުގީގުތަކާއި ގުޅިގެން މީހުން ހާޒިރުކުރުމުގައްޔާއި އެ މީހުންނާ ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރާ މީހާއަށް ލިބިދޭ ހަނުހުރުމުގެ ހައްގާއި، ވަކީލުގެ އެހީ ލިބިގަތުމުގެ ހައްގާއި، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގަށް ރިއާޔަތްކޮށް، އެ ހައްގުގެ ދާއިރާގެ ތެރޭގައި މީރާގެ ދައުރު ކަނޑައެޅުމެވެ.

އަދި ޖިނާއީ މައްސަލަތަކުގެ ތެރެއިން ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގައި އަދި އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގު ކުރިޔަށްގެންދިއުމަށް ބާރުއެޅުމާއި، މީރާއިން ކުރިޔަށްގެންދާ ތަހުގީގުތަކާއި ގުޅިގެން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން މީރާއިން ކުރިޔަށްގެންދާ ތަހުގީގުތަކާއި ގުޅިގެން މީރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ރައްކައުތެރިކަމާއެކު ބަލަހައްޓާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމާއި، މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން އަދި މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާއި ގުޅިގެން ބޭންކް އެކައުންޓު މޮނިޓާކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ. 

އެ ގަވައިދުގައި ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތަކުން މައްސަލަ ހުށަހަޅާނެ ގޮތާއި މައްސަލަ ހުށަހެޅޭނެ ފަރާތްތަކާއި މީރާގެ އިސްނެގުމުގެ މަތިން މައްސަލަ ބެލޭނެގޮތާއި، މައްސަލަ ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތާއި އިހްތިސާސް ލިބިގެންނުވާ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް ބަޔާންކޮށް ފައިވެއެވެ. 

އަދި މައްސަލަ ރަޖިސްޓަރީކުރުމާއި މީހުން ހާޒިރުކުރެވޭނެ ހާލަތްތަކާއި، ހާޒިރުވުމަށް އަންގާ އެންގުން ރައްދުކުރެވޭނެ ހާއްލަތްތަކާއި، ހާޒިރުވުމަށް އަންގާ އެންގުމަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތަކާއި، މަގްބޫލު ސަބަބެއްނެތި ހާޒިރުނުވާ ފަރާތްތަކާއިމެދު އަމަލުކުރާނެ ގޮތާއި، ތަހުގީގެއްގައި ހާޒިރުކުރެވޭ މީހާއާއި ސުވާލުކުރެވޭނެ ގޮތާއި ސުވާލުކުރެވޭނެ ވަގުތުގެ ދިގުމިން ވެސް ބަޔާންކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް