ads
ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުޑަ ކުއްޖެއް ދައްކުވާދޭ ފޮޓޯއެއް
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް 27 ޕަސަންޓު އިތުރުވެއްޖެ
މިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އޭގެ ކުރީ މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެ އެވެ.

އެގޮތުން އޮކްޓޫބަރު މަހު މިފަދަ 135 މައްސަލަ ހުށަހަޅާފައި ވާއިރު ސެޕްޓެމްބަރު މަހު ހުށަހަޅާފައި ވަނީ މިފަދަ 106 މައްސަލަ އެވެ. އެހެންކަމުން މިއީ 27.3 އިންސައްތައިގެ އިތުރުވުމެކެވެ. 

އޮކްޓޫބަރު މަހު ހުށަހެޅި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް

  • އިހުމާލުވުމުގެ 43 މައްސަލަ
  • ޖިންސީ ހާނިއްކައިގެ 38 މައްސަލަ
  • ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ  ނުވަ މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަތަރު މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ 
  • އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ

އޭގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައި ވާއިރު އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ އެއް މައްސަލަ ހިމެނެ އެވެ. 

ތަފާސްހިސާބަށް ބަލާއިރު ހައްގުތަކުން ކުދިން މަހްރޫމު ކުރުމުގެ ދެ މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައި ވެއެވެ. އެއީ އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ އެއް މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ އެއް މައްސަލަ އެވެ.

ކުށް ކުރާ ކުދިންގެ މައްސަލަތަކަށް ބަލާއިރު މިފަދަ ނުވަ މައްސަލަ އޮކްޓޫބަރު ރިޕޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ވައްކަމުގެ ދެ މައްސަލަ ހިމެނެ އެވެ. 

އޭގެ އިތުރުން އާއިލީ މައްސަލަތަކުގެ ގޮތުގައި 36 މައްސަލަ ހުށަހަޅާފައި ވާއިރު އެއީ ކުދިންނާ ބައްދަލުނުކުރެވޭ 18 މައްސަލަ އާއި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ އަށް މައްސަލަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް