ads
ކުޑަކުދިންގެ ހިޔާ--
ދައުލަތުގެ ބެލުމުގައި ތިބޭ ކުދިންނަށް ނަފްސާނީ ފަރުވާ ގަވާއިދުން ނުލިބޭ: އެޗްއާރުސީއެމް
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންގެ ތެރެއިން، ނަފްސާނީ ފަރުވާ އާއި އިޖްތިމާއީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ގަވާއިދުން އެ ހިދުމަތްތައް ފޯރުކޮށްދެވެމުން ނުދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމާއި، އެފަދަ އަނިޔާތައް ހިނގިޔަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމާއި، އަނިޔާގެ ޝިކާރައަށްވާ ކުދިންނަށް ހިމާޔަތާއި ރައްކާތެރިން ފޯރުކޮށްދިނުމަށް ބާރުއެޅުމާއި އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖްތަމައު ހޭލުންތެރިކޮށް، އަނިޔާއާ ދެކޮޅަށް ކުޑަކުދިން ބާރުވެރިކުރުވުމަކީ މިފަދު ދުވަހެއްގެ ފާހަގަކުރުމުގެ މަގްސަދު ކަމަށެވެ. 

އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކޮށް ބަޔާނުގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ފޯރުކޮށްދީ، އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީން ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ. 

އޭގެ އިތުރުން، އަނިޔާގެ ޝިކާރައަށްވާ ކުދިންނަށް ލަސްވުމެއްނެތި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، އެފަދަ ކުދިންނާއި އާއިލާތަކަށް އިންސާފު ހޯދައިދިނުން އަވަސްކުރަންޖެހޭ ކަމަށާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، އެކުދިންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ ފަރުވާއާއި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްއާރުސީއެމުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. 

ކުޑަކުދިންނަށް ލޯތްބާއި، އަޅާލުމާއި ރައްކާތެރިކަންދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ބަޔަކީ މައިންބަފައިންނާ އާއިލާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އާއިލާގެ ތެރެއިން ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން އަބަދުވެސް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. 

ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ، ލަސްނުކޮށް އެކަން ކަމާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށް ބަޔާނުގައި ބުނީ ކޮވިޑް-19 ގެ މިހާލަތުގައި، ކުދިން ގޭގައި ހޭދަކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ރޭވިފައިވާ ކަންކަމަށް ހެދުމުގެ މުހިންމުކަން ފާހަގަކުރި އެވެ. 

އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާމެދު މުޖުތަމައު ހޭލުންތެރިކުރުމަށް މަދަނީ ޖަމުއިއްޔާތަކާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ އިތުރުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކުރެ އެވެ. 

ޔުނިސެފްއިން 2020 ވަނަ އަހަރު އާންމުކޮށްފައިވާ "ގްލޯބަލް ސްޓޭޓަސް ރިޕޯޓް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން' ގައިވާގޮތުން އުމުރުން ދެ އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން، ކޮންމެ 2 ކުއްޖަކުން 1 ކުއްޖަކު ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލުކުރަން ޖެހިފައިވާކަމަށް ބުނެފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، އަނިޔާއަށް ހުށައެޅޭ ކުދިންގެ ނިސްބަތް އިތުރުވެގެންދާނޭކަމަށް އަންދާޒާކުރެ އެވެ.

އެގޮތުން، ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ކުދިން ގޭގައި ތިބެން ޖެހުމާއި، ތޮއްޖެހިގެން ދިރިއުޅެންޖެހުމާއި، ފިކުރުބޮޑުވުންތަކުގެ ސަބަބުން ބެލެނިވެރިންނަށް ކުރިމަތިވި ކަންކަމާއެކު، މިފަދަ އަނިޔާތައް އިތުރުވުން އެކަށީގެންވާކަމަށްވެސް ފާހަގަކުރެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 889 މައްސަލައެއް ހުށަހަޅާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް