ads
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--
ނައިބު ކަމުން ޖަމީލު ވަކިކުރި މައްސަލަ ކޯޓަށް ނުބެލޭނެ: ދައުލަތް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބުގެ ގޮތުގައި ހުންނެވި މިހާރު ރައީސް ޔާމީންގެ ގާނޫނީވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސް ކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ފަރާތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވަނީ ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ބާއްވާފަ އެވެ. ޑރ. ޖަމީލްގެ ފަރާތުން މި މައްސަލައިގައި ވަކީލެއްގެ ހައިސިއްޔަތުން ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވާހަކަ ދައްކަވާފައިވާއިރު، މުއިއްޒު ވިދާޅުވީ، ޖަމީލު މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ) އަދި (ރ)ގައި ބަޔާންކުރާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އަދި ގާނޫނު އަސާސީގެ ބައެއް ހައްގުތައް ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ، ނައިބު ރައީސް ކަމުގެ މަގާމު ޖަމީލާއި ހަވާލުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، މަގާމުން ވަކިކުރި އިރު މަޖިލީހުން އެކަންކުރީ ޖަމީލު މަގާމުގެ މަސްއުލީއްޔަތު އަދާކުރުމުގައި ނާގާބިލްވެފައިވާ ކަމަށް ނިންމުމަށްފަހު ނަމަވެސް ރައީސް ޔާމީން އެފަދަ ކަމެއް ފާހަގަކުރައްވާފައިނުވާ ކަމަށެވެ. އެހެން ކަމުން މަގާމުގެ މައްސޫލިޔަތު އަދާކުރުމުގައި ޖަމީލް ނާގާބިލުވި ގޮތެއް މެމްބަރުންނަށް އިނގުނު ގޮތަކާއި މެދު މުއިއްޒު ސުވާލު އުފައްދަވާފައިވެ އެވެ. 

އޭގެ އިތުރުން ޖަމީލް މަގާމުން ވަކިކުރުމަށްޓަކައި ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އަދި ޖަވާބުދާރީ ވުމަށްވެސް ޖަމީލަށް ފުރުސަތު ދީފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޖަމީލު ލިޔުމުން ފޮނުވި ޖަވާބު މަޖިލީހުގެ ރައީސް ބަލައިގަނެފައިނުވާ ކަަމަށާއި، ޖަމީލު ހާޒިރު ނުވާނަމަ ލިޔުމުން ޖަވާބުދާރީނުވެވޭނެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ލިޔުމުން ޖަވާބުދާރީވުމަކީ ގާނޫނު އަސާސީގައި އޮތް ހައްގެއްކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

your imageކުރީގެ ޕީޖީ އަހުމަދު މުއިއްޒު--

ޖަމީލުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއްތޯ ސުވާލު އުފައްދަވާފަ އެވެ. ޖަމީލްގެ ފަރާތުން މި މައްސަލަ ހުށަހެޅި އިރު 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ދުސްތޫރީ މައްސަލައަކަށް ހަވާލާދީފައިވެ އެވެ. ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ނިންމި މައްސަލައިގައި ބުނެފައިވަނީ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ. 

ދައުލަތުގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާއި ހިލާފު ނިންމުމެއް ކަމަށާއި، އެ ހުކުމް ރިވިއުކޮށް އެ ނިންމުމާ ސުޕްރީމް ކޯޓުން ދުރަށްދާން ޖެހޭ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ރައިސުލްޖުމްހޫރިއްޔާ ނުވަތަ ރައިސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ފާސްކޮށްފިނަމަ އެމީހަކު މަގާމުން ވަކިވީ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

އެއާ ޖެހިގެން 113 ވަނަ މާއްދާގައި އޮތީ އެ ނިންމުމާމެދު ސުވާލު އުފެދޭނަމަ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް ކަމަށާއި، އެހެން ނަމަވެސް އެ މާއްދާގައި ނައިބު ރައީސްގެ ވާހަކަ ނެތްކަމަށެވެ. ދައުލަތުން ވަނީ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސޯސްއެއް ނެތް މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދިފައެވެ. 

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ މައްސަލައަކީ 2019 ވަނަ އަހަރު ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަނެ ހުއްދަ ދީފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މައްސަލާގެ ޝަރީއަތް ކޯޓުގައި ހިނގާނެ ކަމަށާއި ނަމަވެސް ދައުލަތުން ވެސް ޖަމީލުގެ ފަރާތުން ވެސް ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނޭ މައްސަލައެއް ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވާތީ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން ބާއްވާ އަޑުއެހުމެއްގައި އެކަމާއި މެދު ޖަމީލްގެ ފަރާތުން ދެކެވަޑައިގަންނަވާގޮތް ހާމަކުރެއްވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި މައްސަލައިގައި ފަނޑިޔާރުން މިއަދުގެ ޝަރިއަތުގައި ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތުވެސް އަންނަ އަޑުއެހުމެއްގައި ދެއްވާނޭ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް