ހުކުރު ހުތުބާގައި ބުނެފައިވަނީ، ދީނުގެ ނަމުގައި ދީނާ ހިލާފު ފިކުރުތަކާއި މައުލޫމާތުފަތުރާ މީހުން ގަބޫލުކުރާގޮތްތަކާއި ފިކުރުތަކަށް ތަބާނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރަމުން އަންނަ ކަމަށެވެ.
އަދި އެފިކުރުތަކަށް އަމަލުނުކުރާ ސަރުކާރަކީ، "ޠާޣޫތު" ކަމުގައި ނިންމާކަމަށައި، އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި އެމީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްޓާލާ ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ބިމަކީ ކުފުރުގެ ބިމެއްކަމުގައި ނިންމާކަމަށްވެސް ހުތުބާގައިވެ އެވެ.
މިފަދަ މީހުން ވަރިކައިވެނީގެ މުއާމަލާތްތައް ގިނައިން ކޮށް އެޅެނީ އެމީހުން އެމީހުންނާއި އެކަނިކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެމީހުން ކައިވެނި ކުރުމަށް ޝަރުއީ ކޯޓުތައް ކަމުނުދާކަމަށް ދެކޭކަމަށެވެ. އަދި ނަމާދު ކުރުމަށް މިސްކިތަށް ދިއުންވެސް ކަމުނުދާކަމަށް ދެކޭކަމަށާއި، އަދި ސަރުކާރުގެ އެއްވެސް ވަޒީފާއެއްވެސް ހުއްދަނުވާކަމަށް އެމީހުން ދެކޭކަމަަށް ހުތުބާގައިވެ އެވެ.
ކައިވެނި ކުރުމަށްޓަކައި އިސްލާމް ދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެކަންކަމަށް ގާނޫނާއި ގަވައިދުތައް ހެދިފައިވާ ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ހައްޤުތަކެއް ގެއްލޭކަމަށާއި، ސައްހަ ދަރިއެއްކަމުގެ އެއްވެސް ލިޔުމެއް އަދި ހެއްކެއްވެސް ނޯންނަކަމަށެވެ. އަދި ހައްޤުތައް ހޯދައިދެވޭނޭ އެއްވެސް ގޮތެއްވެސް ނޯންކަމަށް ހުތުބާގައި ވެ އެވެ.
ހުތުބާގައި ބުނެފައިވަނީ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާހިލާފު އަދި އިސްލާމީ ޝަރީއަތާވެސް ބީރައްޓެހި އަމަލެއްކަމަށާއި އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ މި ނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭ ގޮތުގައި އަންހެން ދަރިންނަށް ކިޔަވައިދިނުމަކީ ހުއްދަ ކަމެއް ނޫންކަމަށާއި، ދަރިންނަށް ވެކްސިން ދިނުމަކީވެސް ހުއްދަ ކަމެއްނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް މިއީ ދީނުގެ އެންގެވުންތަކެއް ނޫންކަމަށެވެ. އެގޮތުން ބަލިވުމުން ބޭސްފަރުވާ ކުރުމާއި، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ އިސްލާމް ދީން ބާރުއަޅާ ކަންކަން ކަމަށްވެސް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.