ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މާމަގެ ފައްޓަރުބަޔަށް ވުރެއް އެކުވެރިކަން މުހިންމު: ޗައިނާ ސަފީރު
މާމަގެ ފައްޓަރުބަޔަށް ވުރެއް އެކުވެރިކަން ޗައިނާ އަށް މުހިންމު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާގެ ލޯނު ދެއްކުމާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަ އެވެ.

އެގޮތުން ރައީސް ނަޝީދު މިމަހުގެ 18 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ. އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 އިންސައްތަ ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައި ދާނީ ޗައިނާއަށް ކަމަށާއި، މާމަގެ ގަހަނާ ވިއްކައިގެން ވެސް މި ދަރަނިތައް ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށެވެ. 

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވާ ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މާމަގެ ގަހަނާއަކީ އަގުހުރި އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް އެޔަށްވުރެއް އަގުހުރި އެއްޗަކީ އެކުވެރިކަން ކަމަށާއި، އެކުވެރިކަން މުހިންމު ކަމަށް ވިދާޅުވި އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ވެސް ނަޝީދު ވަނީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ ވާހަކަތަކެއް ދައްކަވާފަ އެވެ. އެގޮތުން ދަރަނި ދައްކަން ލުޔެއް ނުދިން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޗައިނާގެ ދަރަންޏައި ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ،  ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ސަރުކާރުން ދޫކުރި ލޯނުތައް ފަސްކޮށްފައިވާ ކަަމަށެވެ. ރައީސް އޮފީހުން މިހެން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ލަސްކޮށްފައިވަނީ ޗައިނާ ސަރުކާރުން ދީފައިވާ ލޯންތައް ކަމަށާއި، އަދި އެއީ ހަތް މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެހެން ނަމަވެސް ޗައިނާގެ ބޭންކްތަކުން ނަގާފައިވާ ލޯންތައް ދެއްކުމުގައި ލުޔެއް ނެތްކަމަށް ވިދާޅުވި އެވެ. އަދި ބޭނުންވަނީ ލޯންތައް ރްސްޓްރަކްޗާ ކުރުމަށްކަމަށް ވެސް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް