ads
ނައިބު ރައީސް ފައިސަލް ނަސީމް--
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ހުރި މަސައްކަތް ގިނަ: ނައިބު ރައީސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ވީޑިއޯ މެސެޖެއްގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ، އަމިއްލަޔަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމަށާއި އެ އަމާޒު ކާމިޔާބުކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކާއި، މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެހީތެރިކަމާއެކު ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަކަމަށާއި އެ އަސާސުތައް ކަރުދާހަށް ތިރިކުރުމާއި އެ އަސާސުތައް ތަންފީޒުކުރުމަކީ ތަފާތު ދެ ކަމެއްކަށެވެ. އަދި ފަހުގެ ތާރީހަށް ބެލިކަމުގައިވިޔަސް ވަރަށް ގިނައިން ނޫސްތަކުގެ ސުރުހީތަކުން ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ އެ ކުދިންގެ ކަރާމާތައް އަރައިގަތުމާގުޅޭ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ އިވެމުންދާކަމަށް ވިދާޅުވެ، އެއީ ކުރިމަތިލާން ޖެހިފައިވާ "ހަޑިމުޑުދާރު ހަގީގަތެއް"ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ، މިފަދަ ކަންކަމާ ޒުވާނުން ފިކުރުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާ ދޭތެރޭ ވިސްނަންޖެހޭ ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ބެހޭ ގޮތުން ވާހަަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ހައްގުތަކުގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަގާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ، ކުޑަކުދިންނަށް އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުންކަށެވެ. 

"ސަރުކާރުންނާއި ދައުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮކަމަށް ގެއްލުމެއް ވެދާނެކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭ. މި ގާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް މި ވަނީ ހަރުދަނާ އޮނިގަނޑެއް ލިބިފަ. މި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި، އަސާސުތަށް ވަނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކޮށްދީފަ." ނައިބު ރައީސްގެ މެސެޖްގައި ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ އ.ދ.ގެ "ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑް"ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއް ގޮތަށް އެކުލަވާލާފައިވާ ގާނޫނެއްކަން ފާހަގަކުރައްވާފައެވެ. 

އަދި ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން "ޗައިލްޑް ރައިޓްސް އޮމްބަޑްސް ޕާސަން" އެއްގެ އޮފީސް ވުޖޫދަށް ގެނެސް، އެ އޮފީހުން ސަރުކާރު ޒިންމާދާރުކުރުވައި، ގައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ލާޒިމްކޮށްފައިވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް