ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކޭސްތައް ގިނައީ ހަދާ ރިސޯޓުތަކުގައި، އިންސްޕެކްޝަނެއް ފަށައިފިން: މިނިސްޓަރު މައުސޫމް
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ގިނައިން ފެންނަމުން ދަނީ ހަދަމުންދާ ރިސޯޓުތަކުން ކަމަށާއި އެފަދަ ތަންތަނުގެ އިންސްޕެކްޝަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން މައުސޫމް ވިދާޅުވީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައި ވަނީ ހަދަމުންދާ ރިސޯޓްތަކުގައި ކަމަށްވާ އިރު، ކޮވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންގެ އިންސައްތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. 

ހަދަމުންދާ ރިސޯޓުތަކުގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާތީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިހާރު އެފަދަ ރަށްތަކުގެ ހާއްސަ އިންސްޕެކްޝަނެއް ފަށާފައިވާ ކަމަށް މައުސޫމް ފާހަގަކުރެއްވި އެވެ. 

މައުސޫމް ވިދާޅުވީ ބައެއް ރިސޯޓްތަކުން މިނިސްޓްރީންނާއި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަން ފާހަގަކުރެވޭ ކަމަށާއި އެކަމަށްޓަކައި އެ ރިސޯޓްތަކުގެ މެނޭޖްމެންޓަށް ޝުކުރު ދަންނަވާ ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 42 ގައެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ މުވައްޒަފުންގެ ތެރެއިން އިތުރު 45 މީހަކު ޕޮޒިޓިވްވެ ކޮވިޑް-19 އަށް ޕޮޒިޓިވި މުވައްޒަފުންގެ އަދަދު ވަނީ 158 އަށް އަރާފައެވެ. މިއާއެކު ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި 200 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ވަނީ ފާހަގަވެފަ އެވެ. 

ރޭ އާއްމުކުރި މައުލޫމާތަށް ބަލާއިރު އިތުރު ދެ ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ މީހުން ވަނީ ފެނިފަ އެވެ. އެޔާއިއެކު މިހާތަނަށް ކޮވިޑް-19 ގެ ކޭސްތައް 27 ރިސޯޓަކުން ވަނީ ފެނިފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ކޭސްތައް އިތުރުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާގައި އުފެދިފައިވާ ކްލަސްޓާގެ 15 މީހުންނާއި މާލެ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި 14 މީހަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓަކާއި އެމްއޭސީއެލްގެ ކާގޯ ބައިގައި އުފެދުނު ކްލަސްޓާގެ މީހުން ހިމެނޭތީ ކަމަށެވެ.

އޭގެ ތެރެއިން ރަށްފަޅުހުރާގެ ކްލަސްޓާއިން ޖުމްލަ 53 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ. އިއްޔެ އެޗްއީއޯސީގެ ޓީމެއް އެ ރަށަށް ގޮސްފައިވާއިރު އެ ކްލަސްޓާގައި ހިމެނޭ ހަތަރު ރަށުން ކޮންޓެކްޓުންނާ އެކު ޖުމްލަ 134 މީހަކު މިހާތަނަށް ވަނީ ކަރަންޓީނުކޮށްފަ އެވެ. 

އޭގެ އިތުރުން ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 60 އަހަރުގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން މަރުވުމާއި ގުޅިގެން ހެދި ސާމްޕަލްތަކުން އެ ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވެސް ޕޮޒިޓިވްވެފައި ވެއެވެ. 

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 12،452 އެކެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 45 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް