ads
އީޔޫގެ އާ ސަފީރު ޑެނިސް ޗައިބީ މަގާމުގެ ލިޔުން ރައީސް ސޯލިހްގެ އަތްޕުޅަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ-އީޔޫ ފަސްވަނަ ޕޮލިސީ ޑައިލޮގް އަންނަ ހޯމަ ދުވަހު
ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އަހަރުގެ ޕޮލިސީ ޑައިލޮގް ވާޗުއަލްކޮށް ބާއްވާއިރު، ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށެވެ. 

މީގެ އިތުރުން މަސްވެރިކަމާ، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި، ތަރައްގޭގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ، ޑިމޮކްރަސީ، އިންސާނީ ހައްގުތައް، ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުން މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ. 

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އޭގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނާނެ އެވެ. 

އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ އެވެ.

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރަކު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ. 

މި ޑައިލޮގްގެ އިތުރުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އިސް އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި، ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް