ads
ސްވެނިއާ ޝޮޕެއް--
ގެސްޓްހައުސްތަކަށް ގެއްލުން ބޮޑުވެ، ކޮވިޑް ނަމްބަރުތައް ދަށްކުރަން އެހީވާން އެދިއްޖެ
ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ހުރި ގޮތުގެ ސަބަބުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި، ސުވެނިއާ ޝޮޕްތައް ނުހުޅުވި ގިނަ ދުވަސްތައް ވަމުންދާތީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓްހައުސްތައް އަދިިވެސް ނުހުޅުވޭ ކަމަށާއި ސުވެނިއާ ޝޮޕުތަކާއި އެހެނިހެން ފަަތުރުވެރިންގެ ހިދުމަތްތައްވެސް އަދި ނުހިންގޭ ކަމަށެވެ. 

އަދި އެފަދަ ތަންތަން ބަންދުކޮށްފައި ބަހައްޓަން ޖެހުމުގެ ސަބަބުން އެފަދަ ތަންތަނުގެ ވިޔަފާރީ ކުރާ ފަރާތްތައް ތަހައްމަލުކުރާ ގެއްލުން ވަރަށް ބޮޑުކަމަށެވެ. އެހެންވެ މާލޭ ސަރަހައްދުގެ ކޮވިޑް-19 ނަމްބަރުތައް ތިރިކުރުމަށް އެޗްޕީއޭގެ ގައިޑްލައިންތަކަށް ސަމާލުވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

 

ކޮވިޑާއި ގުޅިގެން މިދިޔަ މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ރިސޯތްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންނަމަވެސް ގެސްޓްހައުސްތަކަށް އެ ހުއްދަ ދީފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ހަތް މަހަށް ފަހު ގެސްޓް ހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންނަމަވެސް އެ ހުއްދަ އަދި ދީފައިވަނީ އަތޮޅުތެރޭގެ ބައެއް ގެސްޓްހައުސްތަކަށެވެ. މާލޭ އޭރިއާގެ ގެސްޓްހައުސްތަކާއި ފަތުރުވެރިންނަށް ހިދުމަތް ދޭ އެހެނިހެން ތަންތަން ހުޅުވުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. 

މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް ފަސް އިންސައްތަ ދަށް ވެއްޖެނަމަ ހުއްދަދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ކަމަށެވެ. އެހެންވީމާ މާލެ ސަރަހައްދުގައި ގެސްޓު ހައުސްތައް ހުޅުވަން ގޮތެއް ނިންމާނީ ކޮވިޑް ކޭސްތައް ފަސް އިންސައްތަ ދަށްވުމުން ކަމަށް މިނިސްޓަރު މައުސޫމް އޭރު ވިދާޅުވެފައިވެ އެވެ.

އަތޮޅުތެރޭގެ ގެސްޓް ހައުސްތަައް ހުޅުވާލުމުގެ ހުއްދަ ދީފައި އޮތްނަމަވެސް އަދި އެހުއްދަތައް ދެމުންދަނީ ޓޫރިޒަމް މިނިސްޓްރީއާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވެފައިވާ ގެސްޓްހައުސްތަކަށެވެ.

އެގޮތުން މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ 49 ގެސްޓްހައުސް އަކަަށް އެ ހުއްދަ ދީފައިވާއިރު މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކ. އަތޮޅާއި ނ. އަތޮޅު އަދި އއ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ގެސްޓްހައުސް ހުޅުވުމަށް ވަނީ ހުއްދަ ދީފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް