ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި
ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނީ އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މިމަހުގެ 18 ވަނަ ދުވަހު ވަނީ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި  ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. 

އަދި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތު ތަކެއް ކުރުމަށްފަހު އެތަނުގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެވެ. އަދި މަގާމުން އިސްތިއުފާ ނުދިނުމުން ރައިސް ވަނީ އަލީ ވަހީދު މަގާމުން ދުރުކޮށްފަ އެވެ. 

އެމައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާއި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށްވެސް ހާޒިރުކޮށްފައިވެ އެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް