ads
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
މަލީހްގެ ރައްދު: މިއީ ކޯލިޝަން ޖަހައިގަތުމުގެ ޕްލޭނެއް!
ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެއްވެސް އަސާސެއް ނެތް ކަމަށާއި، ފިޔަވަޅު އަޅަނީ ހިޔާލުތަފާތުވާ ފަރާތްތަކާއި ދެކޮޅަށް ކަމަށް ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ، އެގޮތަށް ފާސްކުރުމުން އެނގިގެންދަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިތުބާރުނެތްކަން ކަމަށެވެ.  

"އަޅުގަނޑަށް ހަމަ ސިފަވަނީ އެބޭފުޅުން މަޑުމަޑުން އަމިއްލަ ސަންދޯކަށް މޮހޮރު ޖައްސަވަމުންދާ މަންޒަރު މި ފެންނަނީ. ޑިމޮކްރަސީގެ ބޮޑު ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން މިފަދަ ކަންތައްތައް ކުރުމަކީ ވަރަށް ހަޑިމުޑުލާރު ލަދުވެތި ކަމެއް. ފާއިތުވި މާޒިއިން އެބޭފުޅުން އިބްރަތް ހާސިލުކުރަން އެބަޖެހޭ."

މަލީހް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެއްވެސް އަސާސެއް އޮވެގެން ނޫންކަމަށާއި، އެކަން ކުރަނީ ހިޔާލުތަފާތުވާ ފަރާތްތަކާއި ދެކޮޅަށް ކަމަށް ވިދާޅުވި އެވެ. 

މަލީހް ވިދާޅުވީ ގާނޫނުއަސާސީގެ ފޮނިމީރުކަން ރާއްޖެއިން ނުލިބޭކަމުގައި ވާނަމަ އެކަމުގެ ފަރުވާ ހޯދުމަށް، އަދި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ޖަވާބުދާރީ ކުރުވުމަށް ރާއްޖެއިން ބޭރުގެ އެކިޖަމާއަތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. 

"އިތުބާރު އޮތްތޯ ނެތްތޯ، އެބޭފުޅުން އެ ދައްކަވާ ހުއްޖަތަކީ ގާނޫނީ އިމުގެ ތެރެއިން އެބޭފުޅުންނަށް ކުރެވޭނެ ކަމެއްނޫން. ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސުން ގާނޫނީ އެބޭފުޅުން ކުރަންއުޅޭ ކަމެއް ނުކުރާކަމަށް ވައްޏާ އެބޭފުޅުން ފިޔަވަޅު އަޅަންޖެހޭނީ އެތާންގެ ބޯޑަށް. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބޯޑެއް."

މަލީހް ވިދާޅުވީ އިތުބާރު ނެތްކަމަށް ރައީސަށް ދެންނެވުމަށް ޕާލިމެންޓަރީ ގްރޫޕުން ފާސްކުރަން ނުޖެހޭކަމަށެވެ. އަދި ވަކިވަކި މެމްބަރުންނަށް ވެސް ރައީސަށް އެވާހަކަ ދެންނެވޭނެ ކަމަށެވެ. 

މީގެ އިތުރުން މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަލީހް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަކަރުވެރި ގޮތެއްގައި ކޯލިޝަން މިނިސްޓަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަގުން ކަންކުރާ ނަމަ ސުޕަ މެޖޯރިޓީ ސުޕަ މައިނޯރިޓީ އަށް ބަދަލުވެދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. 

މިއަދު ބޭއްވި އެމްޑީޕީ ޕީޖީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މަލީހަށް އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް