ads
މިއަދު ބޭއްވި ރަސްމިއްޔާތު--
ޖަޕާނުން ދިވެހި ކޯސްޓުގާޑަށް 117 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފި
ޖަޕާނުން ދިވެހި ކޯސްޓުގާޑަށް 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޑޮލަރު) ގެ އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްދީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޖަޕާނު ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖުމްލަ 117 މިލިއަން ރުފިޔާގެ މި އެހީއަކީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޯސްޓުގާޑާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ދިން އެހީއެކެވެ.

ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލްކަން އިތުރު ކުރެވޭނެ އެވެ.

އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެގައުމު އިތުރަށް ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. 

ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަފީރު ޔާނާއީ ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.  

ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން އެމްއެންޑީއެފް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. 

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރި އެކެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް