ads
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--
ހިޔާނާތުގެ މައްސަލައަށް ޒިޔަތު އެއްބަސްވެ އިއުތިރާފްގެ އެއްބަސްވުން ހަދައިފި
ޒިޔަތް އެއްބަސްވެފައިވަނީ 32 މައްސަލައަށް!
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެއްބަސްވެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އިއުތިރާފްގެ އެއްބަސްވުން ހަދައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ އިސްފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ ޅ. މާބިންހުރާގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތު އިސްތިއުނާފް ކޮށްފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމަށް ބުނެ 19 ނޮވެމްބަރު 2020 ގައި ސުޕްރީމް ކޯޓަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން ޒިޔަތް ޝަރިއަތުގެ މަޖިލީހުގައި ބުނެފައިވަނީ، އިސްތިއުނާފް ކުރި މައްސަލަ އަނބުރާ ގެނައުމަށް ބޭނުންވާ ކަމަށާއި، އަދި އެގޮތަށް ނިންމީ ޕީޖީ އޮފީހާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ. 

މައްސަލައާއި ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވެފައިވަނީ މައްސަލަ އަނބުރާ ގެންދިއުމަށް ޒިޔަތު ނިންމި ނިންމުމަށް އިއުތިރާޒް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ މާބިންހުރާގެ މައްސަލަ ހިމެނޭ ގޮތަށް ޒިޔަތުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކަށް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކާއި ގުޅިގެން ކުރަމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތު ޕީޖީއަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. 

ޕީޖީގެ ވަކީލާ ވިދާޅުވީ އެމައްސަލަތަކާއި ގުޅިގެން ޒިޔަތާއި އެކު ޕީޖީ އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޒިޔަތާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 މައްސަލައަށް ވެސް ޒިޔަތު އިއުތިރާފް ވެފައިވާކަން ފާހަގަކުރެއްވި އެވެ.

މާބިންހުރާ މައްސަލަ ސުޕްރީމް ކޯޓުގައި ޒިޔަތުގެ ފަރާތުން އިސްތިއުނާފް ކުރުމަށްފަހު އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމަށް ބުނެ ސިޓީ އެއް ހުށަހަޅާފައި އޮތުމުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ މައްސަލަ އަނބުރާ ގެންދިއުމާއި ގުޅޭ ގޮތުން ކޯޓުން ދޫކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓް ދޫކުރާނެ ކަމަށެވެ.

މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތްއިރު، ހައިކޯޓުން ވެސް ނިންމާފައިވަނީ އެ ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް