ads
ރައްޔިތުންގެ މަޖިލިސް--
އެޗްއާރްސީއެމަށް މުނާ އައްޔަނުކުރަން ފާސްކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް މަރިޔަމް މުނާ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް މުނާ އައްޔަނު ކުރުމަށް ފެންނަ ކަމަށް 67 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެ އެވެ.

އެޗްއާރްސީއެމަށް މެމްބަރަކު އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ނަންފުޅުތައް ފޮނުވާފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ. މަޖިލީހަށް ފޮނުވާފައިވާ ނަންފުޅުތަކުގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ނަންފުޅުތަކުގެ ގޮތުގައި ވަނީ މަރިޔަމް މުނާ، އަލްއުސްތާޛު އަހުމަދު ސަމީނު އަދި އަލްއުސްތާޛާ ފާތިމަތު މަހީރާ މުހައްމަދުގެ ނަމެވެ. 

މަރިޔަމް މުނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެއްކަމަށާއި މެނޭޖްމެންޓް ދާއިރާއާއި ކަމާ ގުޅުންހުރި ދާއިރާތަކުން ރާއްޖޭންނާއި ރާއްޖޭން ބޭރު ގައުމުތަކުން ތަމްރީނުތަކެއް ލިބިފައިވާ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރިޕޯޓްގައިވެ އެވެ. 

މުނާ މީގެ ކުރިން ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ޑިރެކްޓަރު އޮޕަރޭޝަންގެ މަގާމު ވެސް ފުރުއްވާފަ އެވެ. 

އެޗްއާރްސީއެމަށް މި ފަހުން ވެސް ތިން ބޭފުޅަކު އައްޔަނުކުރައްވާފައިވެ އެވެ. އެއީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާޤާއި، މުއުމިނާ ވަހީދު އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް