ads
ހުޅުމާލެ ދެވަނަ ފިޔަވަހި. މި ތަނުގައި މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ހުސް ބިމެއް ނެތް ކަމަށް ސަރުކާރުން ބުނޭ--
މާލޭގެ ރައްޔިތުންނަށް ގޯތި ދެވޭނެ ގޮތެއް ނެތީތަ؟
"ގޯތި ގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރުކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެ،" މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހުށަހެޅި މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދެވެ.

އެ ވައުދަކީ މާލޭގައި ތޮއްޖެހިގެން، ހާލުގައި ދިރިއުޅޭ މީހުންނަށް ގޯތި ދިނުމުގެ ވައުދެވެ. މި ވައުދާ ގުޅުވައިގެން ސަރުކާރުގެ އިސްވެރިން ވަނީ ތަފާތު ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާފަ އެވެ. އެއީ މާލޭ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތިދޭނެ ކަމުގެ ވާހަކަ އާއި ތޮއްޖައްސަމުން މިދާ މާލޭގައި ދިރިއުޅޭ އެންމެހާ މީހުން އުފުލަމުންދާ ތަކުލީފަށް ލުއި ހޯދައިދިނުމަށް އެކަށީގެންވާ ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަމެވެ. ވެރިންގެ ހަނދާނުން މި ކަންކަން ކައްސާލާފައި ވިޔަސް، ރައްޔިތުންގެ ހަނދާނުގައި ރަނގަޅަށް ހަރުލާފައި އެބަ ހުއްޓެވެ. 

ތޮއްޖެހިގެން އުޅޭ މީހުންނަށް ގޯތި ދިނުމުގެ ވައުދާއެކު މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތް ކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ، އެ ފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތް ކުރެވޭނެ މަގު ކޮށައިދޭނެ ކަމަށް ވެސް ވައުދުވެފައި ވެއެވެ. އަދި އިސްކަން ދޭނެ ގްރޫޕުތަކުގެ ގޮތުގައި އެކަނިވެރި މައިންނާއި ޒުވާނުން ފާހަގަކޮށްފައި ވެއެވެ. އެކަމަކު ސަރުކާރަށް ދެ އަހަރު ވޭތުވެފައި ވާއިރު، ގެދޮރުގެ ދާއިރާއަކީ އެންމެ ފަހަތުގައި އުޅޭ ދާއިރާކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. 

މިކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ގްރޫޕުތަކުގައި އަބަދުވެސް ފެންނަމުން ދެއެވެ. އެންމެ ފަހުން އިއްޔެ މި ވަނީ ރައްޔިތުންގެ ކަންބޮޑުވުން ހިފައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ބަޔަކު ގޮސްފަ އެވެ. "މާލޭގެ ގޯތި ހަރަކާތް" ތަމްސީލް ކުރާ ބަޔަކު އިއްޔެ ރައީސްއާ ބައްދަލުކޮށް ވަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތުގެ ޕްލޭނެއް ރައީސަށް އަރުއްވާފަ އެވެ. އެ ޕްލޭނުގައި ގޯތި ދެވޭނެ ގޮތްތައް ވެސް ބުނެދީފައި ވެއެވެ. 

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އިތުރުން ރައީސްގެ އެޑްވައިޒަރު މުހައްމަދު ޝިހާބް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ހަރަކާތުގެ ފަރާތުން ރައީސަށް އެރުއްވި ޕްލޭނަކީ ކުރިއަށް އޮތް 100 ވަރަކަށް އަހަރަށް މާލޭގެ ތޮއްޖެހުން ކުޑަކޮށްދޭނެ ޕްލޭނެއް ކަމަށް އެމީހުން ބުނެ އެވެ. އޭގައި ވަނީ ގުޅީފަޅުން 12،000 ގޯތިދެވޭނެ ގޮތަކާއި، ފުށިދިއްގަރު ފަޅުން 42،000 ގޯތިދެވޭނެ ގޮތެވެ. އެމީހުން ވަނީ ގުޅީފަޅުން ގޯތި ދިނުމުގެ ބަދަލުގައި ވިޔަފާރި ބަނދަރު އަޅާތީ ޝަކުވާ ހުށަހަޅާފަ އެވެ. 

އޭގެ އިތުރުން އެ ހަރަކާތުގެ ފަރާތުން ވަނީ ސަރުކާރަށް ގިނަ ސުވާލުތަކެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ވިއްކި އެޖެންޑާ-19 ސިޔާސަތުގައިވާ ގޮތަށް މާލޭ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ނުދޭން ނިންމީ ކީއްވެތޯ އާއި ނިމިދިޔަ ސަރުކާރުތަކުގައި މާލޭގެ ރައްޔިތުން ވޭތުވެދިޔަ ސާޅީހަކަށް އަހަރުން ފެށިގެން ދަންނަވަމުން ގެންދިޔަ އާދޭހަކީ، މާލޭ ރައްޔިޔުންނަށް މާލެ ސަރަހައްދުން ގޯތި ދިނުން ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ވެސް ހިމެނޭ ގޮތުން ކޮންމެ ސަރުކާރަކަށް ވެސް މާލޭ ރައްޔިތުން ވޯޓުދެމުން ގެންދިޔައީ އެ ސަބަބަށްޓަކާކަން ނޭނގޭތޯ ވަނީ ސުވާލުކޮށްފަ އެވެ. 

އޭގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައާ ހުރެ މަސްތުވާތަކެއްޗާއި ރޭޕާއި ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ ފަދަ ކުށްތަކުގެ ޝިކާރައަކަށް ވަމުންދާ މީހުންގެ ނިސްބަތް އިތުރުވަމުން އަންނައިރު ވެސް އެކަމަށް ސަމާލުކަން ނުދެނީ ކީއްވެތޯ ސުވާލުކުރި އެވެ. އަދި ކުށްކުރުމަށް މަގުފަހިވަނީ ގޭތެރޭގެ އެކަށޭނަ ބޯހިޔާވެހިކަން ނުލިބުމުގެ ސަބަބުން ކަމާއި ގެތަކަކީ ކުށާއި ނާމާންކަމުގެ ވެއްޓަކަށް ވިޔަނުދީ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސްދީ ގާނޫނީ ހިމާޔަތް ރައްޔިތުންނަށް ހޯދައި ދިނުމަށް އެދިފައިވެ އެވެ. 

ރައީސް ސޯލިހުގެ ފަރާތުން ދެއްވި ޖަވާބު ވެސް އެ ހަރަކާތުން ހިއްސާ ކުރި އެވެ. އެގޮތުން އެމީހުންނާއެކު މަސައްކަތް ކުރުމަށް ރަސްމީ ކޮމިޓީއެއް އުފެއްދުމުގެ ހިޔާލަށް ރައީސް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ގިރާވަޅު ފަޅުން ގޯތި ދޫކުރަން ހިޔާލުކޮށް ދިރާސާ ހޯދަމުންދާ ކަމަށް ވެސް ރައީސް އާއި މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އޭގެ އިތުރުން ގުޅީފަޅުން 1200 ބިމާއި ހުޅުމާލެއިން ވެސް ކޮންމެވެސް ވަރެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގޯތި ނުލިބޭ ކަމުގެ ޝަކުވާ އާއެކު މާލޭ ރައްޔިތުން ތަމްސީލް ކުރާ ބަޔަކު ރައީސްގެ އަރިހަށް ގޮސްފައި ވާއިރު، މި މަހުގެ ކުރީކޮޅު އެމަނިކުފާނު ވަނީ ރިޔާސީ ވައުދެއް ފުއްދެވުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަން އިއުލާން ކުރައްވާފަ އެވެ. އެއީ މާލޭގައި ތޮއްޖެހިގެން އުޅޭ 3000 މީހުންނަށް އަޅާ ފްލެޓުގެ ވާހަކަ އެވެ. އެ ފްލެޓުތަކާއެކު ގޯތި ދިނުމަކީ ވެސް ސަރުކާރުގެ ވައުދަކަށް ވާއިރު، މިއަދާ ހަމައަށް އެކަމަށް ހެޔޮފާލެއް ފެނިފައި ނުވަތީ ގޯތި ދެވޭނެ ގޮތެއް ނެތީމަތޯ ސުވާލު އުފެދެ އެވެ. 

ކޮންމެއަކަސް ބޯހިޔާވަހިކަމުގެ މައްސަލައަކީ ސެންސިޓިވް މައްސަލަ އެކެވެ. ރަށްރަށުގެ މީހުން ދިރިއުޅުން ބިނާ ކުރަން މާލެ އަންނަން މަޖުބޫރުކޮށް، ބޮޑެތި ކުލި ދީގެން އުޅެން ޖެހުމުން އެމީހުންގެ ދިރިއުޅުން ހޭދަ ކުރަނީ ކުލި ދެއްކުމުގެ ވައްބުރެއްގެ ތެރޭގަ އެވެ. ތޮއްޖެހިފައިވާ ކުދިކުދި ތަންކޮޅުގައި އުޅޭ މާލޭ މީހުން ދާނެ ވަކި އެހެން ރަށެއް، ގެދޮރެއް ނެތި، ދިރިއުޅުން އެގޮތުގައި ވޭތުކޮށް މަރުވެ ދަނީ އެވެ. އެފަދަ އާއިލާތަކުގެ ޒުވާނުން ބޮޑެތިވެ މީހުންނާ ކައިވެނިކޮށްގެން ދާން ޖެހެނީ ވެސް ހަމަ ކުއްޔަށެވެ. 

މިފަދަ އެތައް ސަބަބުތަކާ ހެދި ގެދޮރުގެ ދަތިކަމުގެ ވާހަކަ ނުފެންނަ، އަޑު ނީވޭ ދުވަހެއް ނުދެ އެވެ. ރައްޔިތުންނަށް މި ވަގުތަށް ބޭނުންވާ އެންމެ އަސާސީ އެއް ހައްގަކީ މިއީ އެވެ. ފަހުރުވެރި އާއިލާއެއް ބިނާކުރަން ދިރިއުޅެވޭނެ އެކަށީގެންވާ ބޯހިޔާވަހިކަމެވެ. "ބޯހިޔާވަހިކަން ލިބުމަކީ ދިވެހި ރައްޔިތުންގެ އަސާސީ އަދި ފަރުދީ ހައްގެއް ކަމަށް ބަލައިގަނެ، ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދެވޭނެ" ކަމަށް މެނިފެސްޓޯގައި ބުނެފައިވާ ބުނުން މިއަދު އަމަލުން ދައްކަން ވެއްޖެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް