ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އަދި ރައީސް ނަޝީދު
އަލީ ވަހީދަށް ބޮޑެތި ދައުވާތަކެއް ކުރާތީ ނަޝީދުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކުރާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަނބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު ދުރުކުރުމަށްފަހު އޭނާގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ. 

އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ބޮޑު ދައުވާއެއް ކުރައްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެކި މީހުންނަށް އެކި ގޮތް ހަދަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާ އަށް ވެސް ކޮށްފައިވަނީ ދެ ދައުވާ ކަމަށާއި، އެގޮތަށް ކިތަންމެ މީހަކަށް އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލާފައި އެބަހުރި ކަމަށެވެ. 

ރައީސް ނަޝީދު ވިދަޅުވީ އަލީ ވަހީދުގެ މައްސަލައާ ގުޅޭ ބަޔާންތައް ބެއްލެވި ކަމަށާއި އެ ބަޔާންތަކާމެދު އަޖައިބުވެފައި ހުންނެވި ކަމަށެވެ. 

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މިމަހުގެ 18 ވަނަ ދުވަހު ވަނީ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

އޭނާގެ މައްޗަށް އުފުލާ ދައުވާތަކަކީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއެވެ. 

އަދި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް