ads
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
އެއް އަހަރުން 243 މިލިއަން އަންހެނުންނަށް ޖިންސީ އަނިޔާ ކުރިމަތިވެފައިވޭ
ކޮވިޑް-19 އާ އެކު އަންހެނުންނަށް ކުރާ އަނިޔާ ދުނިޔޭގެ ނިސްބަތުން އިތުރުވެފައިވާއިރު ފާއިތުވި ބާރަ މަސް ދުވަހުގެ ތެރޭގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ 243 މިލިއަން އަންހެނުންނަށް، ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ކުރިމަތިވެފައިވާކަމަށް "ކޮވިޑް19 އެންޑް ވަޔަލެންސް އަގެންސްޓް ގަރލްސް އެންޑް ވިމެން' ރިޕޯޓުން ދައްކައިފި އެވެ.

ކޮންމެ އަހަރެއްގައިވެސް އަންހެނުންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނާ މެދުކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށްކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށެވެ. 

އެޗްއާރުސީއެމުން ބުނީ އދ ގެ ޓްރަސްޓް ފަންޑް ޓު ވަޔަލަންސް އަގެންސްޓް ވިމެންއިން މިއަހަރު ހަދާފައިވާ އެސެސްމަންޓް ރިޕޯޓު "ކޮވިޑް އެންޑް ގްލޯބަލް އިމްޕެކްޓް އޮން ވަޔަލެންސް އަގެންސްޓް ވިމެން" ގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުތައް ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން، އަންހެނުންނަށް ކުރާ އަނިޔާގެ އަމަލުތައް ދުނިޔޭގެ ނިސްބަތުން އިތުރުވެފައިވާ ކަމަށެވެ. 

އެޗްއާރުސީއެމުން ބުނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ޝާއިއުކޮށްފައިވާ މިއަހަރުގެ އޭޕްރިލް އަދި ޖޫންމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެއިދާރާއަށް ހުށަހެޅިފައިވާ ގެވެށިއަނިޔާގެ މައްސަލަތަކުގެ ތެރެއިން، %74 މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި ހިމެނޭ މައިގަނޑު މައްސަލަތަކަކީ ނަފްސާނީ އަނިޔާއާއި، ޖިސްމާނީ އަނިޔާއާއި، ބިރުދެއްކުމާއި، ބަހުގެ ހަމަލާދިނުމާއި، ގޯނާކުރުމާއި އަދި ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށެވެ. 

އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަހަރުގެ މިހާތަނަށް ހުށައަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ނަފްސާނީ އަނިޔާގެ މައްސަލަތައް ފާހަގަކުރެވޭކަމަށް ބުނެ އެވެ. އަދި ދައުލަތުގެ ފަރާތުން މީހުންނާއި ކުދިން ބަލަހައްޓާ ބައެއް މަރުކަޒުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުގައި ބައިތިއްބާ ބައެއް މަރުކަޒުތަކުގައި ތިބި އަންހެނުންގެ ކަރާމާތަށް އަސަރުކުރާފަދަ ކަންކަން ހިނގާކަމާއި، އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވޭކަމާއި، މިންތީގެ ހަމަހަމަ އުސޫލުތައް ބައެއް މަރުކަޒުތަކުގައި ނުގެންގުޅޭކަން ފާހަގަވާ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން އެޗްއާރުސީއެމުން ބުނީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަތައް ތަހްގީގުކުރުމާއި، ދައުވާކޮށް، އިންސާފު ގާއިމްކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރޭކަމަށާއި އަދި އެކަންކަމަށް ބޭނުންވާ އެކަށީގެންވާ ބަޖެޓް ނުލިބުމާއި، މައްސަލަތައް ތަހްގީގުކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ އިންތިޒާމުގެ ދަތިކަމާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ލިބިފައި ނެތުމާއި، ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތް ލިބޭނެ އެކަށީގެންވާ ނިޒާމެއް ނެތުމާއި، އެފަދަ މައްސަލަތަކާ ގުޅުންހުރި މަސައްކަތްތައް ކުރާ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ފަނޑިޔާރުން މި ދާއިރާއިން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ނިޒާމަށް ގިނަގުނަ ބަދަލުތަކެއް ގެނެސްފައިވާއިރު، މާބަނޑު އަންހެނުންނަށް ބޭނުންވާ މައުލޫމާތު އެކަށިގެންވާ ވަރަށް ފޯރުކޮށް ދެވިފައި ނުވުމާއި، އަނިޔާ ތަހައްމަލު ކުރަމުންދާ އަންހެނުންނަށް ސިއްހީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. 

އެޗްއާރުސީއެމުން ވަނީ އަނިޔާއިން އަންހެނުން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ވެއްޓެއް ގާއިމުކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް