އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް ކަމަށާއި، އެމަސައްކަތް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރައްވާނެ ކަމަށެވެ.
ނައިބުު ރައީސްގެ ހިތާބުގައި އެމަނިކުފާނުވަނީ، ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތައްވެސް އެކި ހުރަސްތަކާ ކުރިމަތިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ގެންނަންޖެހުނު ލޮކްޑައުން އާއިއެކު އަންހެނުންނަށް ކުރާ އެކިބާވަތުގެ އަނިޔާތައް ރިޕޯޓުކުރާ މިންވަންރު އިތުރުވެފައިވާ ކަމަށާއި، އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ، އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ، އެ މީހުންގެ މަސްލަހަތު ހިމާޔަތްކޮށްދީ، އަންހެނުންނެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށް ޝަރުއީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.