ads
ރައީސް މައުމޫން---
އަނިޔާ ހުއްޓުވޭނީ އިންސާފު ހޯދަ ދީގެން: އެމްއާރްއެމް
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ، އަނިޔާގެ މައްސަލަތައް ފަސޭހައިން އަދި އަވަހަށް ރިޕޯޓުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ހަލުވިކަމާއިއެކު އިންސާފު ހޯދައިދުނުމުގެ ނިޒާމު ހަރުދަނާކޮށް، ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓުން ބުނެފިއެވެ.

އެމްއާރުއެމްއިން މިހެން ބުނީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން އެޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ. 

އެމްއާރުއެމްއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ އިތުރުވެފައިވާ ކަމަށެވެ. އަދި ފުރަބަންދުގެ ސަބަބުން ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހުމުން، ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންގެ އަދަދު ރާއްޖޭގައިވެސް އެތައް ގުނައެއް އިތުރުފައިވާ ކަމަށެވެ. 

މީގެއިތުރުން މިފަދަ އަނިޔާތަކުގެ ސަބަބުން އެފަރާތްތަކަށް މުޅި އުމުރަށްވެސް އެކަމުގެ ނޭދެވޭ އަސަރު ތަހައްމަލްކުރަން ޖެހޭކަމަށާއި، ސިއްހީ އަދި ނަފްސާނީ މައްސަލަތަކުން އަރައިނުގަނެވި، އެކަމުގެ ސަބަބުން އެފަރާތްތަކުގެ އާއިލާތަކަށް ނިކަމެތިކަން ލިބޭކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

އަދި އޭގެ ސަބަބުން މަސައްކަތް ކުރުމުގެ ރޫހާނީ ހިތްވަރު ނެތިގެންގޮސް އެކަމުގެ ސަބަބުން ގައުމީ އިފެއްދުންތެރިކަމަށްވެސް ނޭދެވޭ އަސަރު ފޯރާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

އެމްއާރުއެމްއިން ބުނީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، އެފަދަ އަނިޔާ ހުއްޓުވަން ގާނޫނުތަށް ހެދިފައި ހުއްޓަސް، އެގާނޫނުތަކަށް އަމަލީސިފަ ގެނެވޭނީ، ދައުލަތުގެ މުއައްސަސާތަކާއި، މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތް ކޮށްގެންނެވެ. 

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން، 16 ދުވަހަށް ހާއްސަ ކެޕެއިންއެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކެމްޕެއިންގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް : ފަންޑު، ރެސްޕޯންޑް، ޕްރިވެންޓް، ކަލެކްޓް" މިއެވެ. މި ކެޕްޕެއިންގައި ބައިވެރިވުމަކީ އެމްއާރުއެމްގެ އަމާޒެއްކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް