ads
ފޮޓޯ: ރައީސް އޮފީސް
މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމްގެ އަމަލުތައް: ރައީސް ސޯލިހް
މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމްގެ އަމަލުތައް ކަމަށާއި، ސިފައިންގެ ތަމްރީންތަކަކީ ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ސުލްހަވެރި މުޖްތަމައެއް ބިނާކުރުމަށް މަގުފަހިކުރާނެ އިލްމާއި ތަމްރީންތަކެއްކަން ޔަގީންކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކޮށް ބަޑިހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ ކަމަށާއި އަދި އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމަށެވެ. 

ދިވެހި އަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަހުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއްކަން ރައީސް ފާހަގަކުރެއްވި އެވެ. ސިފައިންގެ ހިދުމަތަކީ، ވަރަށް މަތީ އަހްލާޤީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ހިދުމަތެއް ކަމަށާއި، އެތަމްރީންތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، އާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ. 

"ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަހުލާޤީ އަދި ޤައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ އަގީދާގައި، އަމަލާއި ބަހުން ސާބިތުވެ ހުރުން. ދެ ވަނަ ކަމަކީ، ކޮންމެ ހާލަތެއްގައިވެސް، ޤައުމީ ހިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ތިން ވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން."

މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ އަމަލުތައް ކަމަށާއި، ބައިނަލްއަޤްވާމީ ސުލްހަޔަށްވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމްގެ އަމަލުތައްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސިފައިން ހާސިލްކުރި އިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ސުލްހަވެރި މުޖްތަމައެއް ބިނާކުރުމަށް މަގުފަހިކުރާނެ އިލްމާއި ތަމްރީންތަކެއްކަން ޔަގީން ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ސިފައިންގެ ހިދުމަތަކީ އަސްކަރީ ހިދުމަތަކަށް ވިޔަސް، މަދަނީ އަދި އިޖްތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއް ވެސް ސިފައިންގެ ހިދުމަތާ ލާމެހިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ކޮވިޑް-19ގައި ވެސް ސިފައިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކޮށް ރައީސް ވަނީ އެކަމަށްޓަކައި ސިފައިންނަށް ޝުކުރުދަންނަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް