ads
ޑިފެންސް މިނިސްޓަރު މާރިޔާދީދީ ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ ކުރިއަރާނީ ދެ ޖިންސުގެ ހަމަހަމަކަން އޮވެގެން: މާރިޔާ
ސިފައިންގެ ކުރިއަރައިގެންދާނީ ދެ ޖިންސުގެ ހަމަހަމަކަން އޮވެގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކޮށް ބަޑިހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ އެ މުވައްސަސާއާ ހަވާލުވެވަޑައިގެންނެވިއިރު އެމްއެންޑީއެފްގައި ހަރަކާތްތެރިވާ އަންހެން ސިފައިންގެ އަދަދު އުޅުނީ އެންމެ ފަސް ޕަސެންޓުގައި ކަމަށެވެ. އެކަމަކު 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ 63 ވަނަ ބޭސިކް ޓްރެއިނިން ކޯހާއެކު އަންހެން ސިފައިންގެ އިންސައްތަ ހަތް އިންސައްތައަށް ބަދަލުވެގެންދިޔައިރު މިއަހަރު ހުވާ ކުރި މީހުންނާއެކު އެ އަދަދު 18 އިންސައްތައަށް ކުރިއަށް ޖެހިލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އޭގެ ދެ އަހަރުކުރިން 2016 ގަޔާއި 2017 ގަ ހިންގި ތަމްރީން ކޯސްތަކުގަ ވެސް އަންހެން ސިފައިންގެ ނިސްބަތަކީ ފަސް ޕަސެންޓް. މިދިޔަ އަހަރު ނިސްބަތަކީ އެގާރަ ޕަސެންޓް. އަދި މިއަހަރު އެ ނިސްބަތަކީ 18 ޕަސެންޓް،"

މިނިސްޓަރު މާރިޔާ ވިދާޅުވީ އަންހެން ސިފައިން އިތުރުކުރުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށެވެ. އެގޮތުން މުޖުތަމައެއް އެންމެ ފުރިހަމަ ގޮތުގައި ކުރިއަރާނީ މިންތީގެ ހަމަހަމަކަމާއެކުކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެމްއެންޑީއެފް ވެސް ކުރިއަރައިގެންދާނީ ދެ ޖިންސުގެ ހިއްސާއޮވެގެންކަން ގަބޫލުކޮށް ރާއްޖޭގެ ދިފާއީ މުވައްސަސާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާއި ކުރިއަށް ގެންދާނެ ކަމަށެވެ. 

އޭގެ އިތުރުން މިނިސްޓަރު ވަނީ ސިފައިން އަބަދުވެސް ތިބެންވާނީ އަސްކަރީ އަހްލާގާއި ސްލޫކީ މިންގަނޑުގެ މަތީގައި ސާބިތުވެ، ހުވަޔާއި އެއްގޮތަށް ގާނޫނު އަސާސީގެ ހިމާޔަތުގައި ދީނާއި ގައުމަށްތަކައި ގުރުބާންވާން ތައްޔާރަށް ކަމަށެވެ. އަދި މިސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ސިފައިންގެއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ސިޔާސީ ނުފޫޒުން ދިފާއި މުވައްސަސާ އެއްކިބާކޮށް ސިފައިންގެ ކަންކަމުގައި ސިފައިންގެ ހިޔާލާއި މަޝްވަރާ ހޯދާއި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އަދުލުއިންސާފު ގާއިމުކުރުންކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. މިނިސްޓަރު ވަނީ ސިފައިންގޭގައި ކުރިއެރުން ހޯދުމަށް ޖެހޭނީ ގަދައަޅާ މަސައްކަތްކުރަން ކަމަށާއި އެނޫން އެހެން މަގަކުން އެތަނުން ކުރިއެރުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނަރަލް، އަބްދުﷲ ޝަމާލް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިފައިންނަކީ ގާބިލް، ހަރުދަނާ ހުށިޔާރު އަދި ޕްރޮފެޝަނަލް ބާރެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި ހަތިޔާރާއި ވަސީލަތްތައް ހޯދާއި ހަމަކުރުމުގެ މަސައްކަތް މިހާރު ވެސް މަސައްކަތްކުރާކަން ފާހަގަކުރެެއްވި އެވެ. 

އަދި މިއަދު ދަ ބޭސިކް ސްކޫލު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާއި، އެތަނުގެ ދިދަ ރައީސް ހަވާލުކޮށްދެއްވާފައިވާކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ އެ ޓްރެއިނިން ސެންޓަރަކީ މެރިންކޯ އަދި ސާވިސްކޯ ފަދަ ސާވިސްތަކުގެ ހާއްސަ ތަމްރީނުތައް ހިމެނޭ ގޮތަށް އެއް ފަހަރާއި 400 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުކުރެވޭ ކެޕޭސިޓީ ހުރި ޒަމާނީ ތަނެއް ކަމަށެވެ. 

ޝަމާލް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރަކީ ސިފައިންގެއަށް އިލްމީ އަދި ފަންނީ ގޮތުން ވެސް އިންގިލާބެއް ގެނެވުނު ދެ އަހަރު ކަމަށެވެ. އެގޮތުން ސިފައިންގެ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ގާބިލިއްޔަތު އިތުރުކުރުމާއި ޑޮކްޓްރީންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް