ads
ކުރީގެ ރައީސް ޔާމީން---
ކަރެކްޝަނުން ދިން ލެޕްޓޮޕް "ބަގް" ކޮށްފައި ހުރިކަމަށް ތުހުމަތުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ހެކިތައް ދިރާސާކުރުމަށް ކަރެކްޝަނުން ފޯރުކޮށްދިން ލެޕްޓޮޕް ބަގް ކޮށްފައި ހުރި ކަމަށް ތުހުމަތުކޮށްފި އެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑްރިިންގެ ކުށުގެ ދައުވާއާއި ގުޅިގެން މިއަދު އިބްތިދާއީ އަޑުއެހުމެއް ކުރިއަށް ގެންދިޔައިރު، އަޑުއެހުން ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ.

މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ދިޔަ އިރު ރައީސް ޔާމީން ވަނީ ވަކީލުން އެމަނިކުފާނުގެ އަރިހުގައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވިދާޅުވީ ވަކީލުން ކައިރީގައި ނެތުމުން މަޝްވަރާތައް ނުކުރެވޭ ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މައްސަލައިގައި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތައް އަދި ވެސް ނުބެލޭ ކަމަށާއި، އޯޑިއޯ ކްލިޕްތައް ވެސް އަޑުނޭހޭ ކަމަށެވެ. 

ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވަކީލް ބައްދަލުވުމެއްގައި އޯޑިއޯތައް އަޑުއެހުމަށް ކަރެކްޝަނުން ލެޕްޓޮޕެއް ފޯރުކޮށްދިން ކަމަށާއި، އެހެން ނަމަވެސް އެ ލެޕްޓޮޕް ބަގް ކޮށްފައި ހުރިކަމަށް ބެލެވުމުން އެ ލެޕްޓޮޕް ބޭނުންކޮށްގެން އޯޑިއޯތައް ދަރާސާ ނުކުރެވުނު ކަމަށެވެ. 

އޭގެއިތުރުން ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަމުން ވެސް ވަނީ ކަރެކްޝަނުން ދިން ލެޕްޓޮޕް ބަގް ކޮށްފައި ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ވިދާޅުވީ އެކަން ކޯޓުގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނާއި އެކު ޝަރީއަތުގެ މަޖިލީހުގައި ތިބެގެން މައްސަލަ ކުރިއަށްގެންދެވޭނޭ ގޮތެއް ހައްދަވައިދެއްވުމަށް ވެސް ޑރ. ޖަމީލް އެދިވަޑައިގަތެވެ. އަދި ބައެއް ލިޔެކިޔުން ނުލިބޭތީ އެކަންވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރެއްވި އެވެ. 

ރައީސް ޔާމިންގެ ފަރާތުން މި ކަންކަން ފާހަގަކުރެއްވުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ވަކީލުން ބޭނުންވާނަމަ ކޯޓަށް އަމިއްލަ ލެޕްޓޮޕް ގެނެސްގެން ރައީސް ޔަމީނާއި އެކު އޯޑިއޯތައް އަޑުއެހޭނެ އިންތިޒާމުވެސް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ނުލިބޭ ލިޔެކިޔުމެއް ހުރިނަމަ އެކަން ކޯޓަށް ލިޔުމުން ހުށަހެޅުމުން ލިޔެކިޔުން ލިބޭނޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. 

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވި އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރައްވަ އެވެ. 

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. 

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް