ads
ޑރ.މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާއި މިނިސްޓަރު ޝާހިދު
އެންޓި ޓެރަރިޒަމް ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމްކުރުމަށް މަޝްވަރާކޮށްފި
ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާ މިއަދު ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުވަނީ، ދިވެހިރާއްޖެއާއި މުސްލިމް ވޯލްޑް ލީގާއި ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. 

މި ސެންޓަރާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ. ނަމަވެސް މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ވެސް ރާއްޖޭގައި ގާއިމް ކުރުމަށް މަޝްވަރާކުރިކަމަށް ބުންޏެވެ. 

"ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުވެސް މިނިސްޓަރު ވަނީ ސެކްރެޓަރީ ޖެނެރަލާއި ހިއްސާކުރައްވާފަ. މީގެ އިތުރުން ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ގާއިމްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި،" - ފޮރިން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށާއި، އަދި އެމިސްކިތް ވެގެންދާނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށެވެ. 

މީގެއިތުރުން މިނިސްޓަރު ޝާދިހުދަނީ، އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް ފާހަގަކުރެއްވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުން ބައްވާފައިވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ނިޖާ އަށް ވަޑައިގަތުމުގެ މަގުމަތީގައި، ރިޔާޟްގައި ޓްރާންސިޓް ވުމަށްފަހުއެވެ. އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުން މާދަމާ ފެށޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް