ads
ފަތުރުވެރިން---
މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު
މިދިޔަ މަހަށް ވުރެ މި މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ މި މަހުގައި ކަމަށްވާ އިރު، މި މަހުގެ މިހާތަނަށް އެކަނިވެސް 27،182 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކަ އެވެ.

މިހާތަނަށް ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އަށް އެ މުއްދަތުގައި 67،564 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އޭޕްރިލްގެ ފުރަތަމަ ދުވަހު ބޯޑަރު ބަންދުކުރުމުގެ ކުރިން 382،760 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އެއާއި އެކު މި އަހަރު ޖުމްލަ 450،411 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މީގެ އެގާރަ ދުވަހުގެ ކުރިން ރާއްޖެއަށް 2،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެއީ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހެވެ.

މަހުން މަހަށް ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތުވެސް އިތުރުވެފައިވާ ކަން ފާހަގަކޮށްލެވެ އެވެ. ބޯޑަރު ހުޅުވާލި ފަހުން އައި ފުރަތަމަ ފަނަރަ ދުވަހާއި އަޅާ ބަލާއިރު ދަށްވެފައިވީ ނަމަވެސް، މަޑުމަޑުން އެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު އެވަރެޖް ގޮތެއްގައި 9.5 ދުވަހުގެ މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވާ އިރު، މިދިޔަ މަހު އެވަރެޖް ގޮތެއްގައި 9.6 ދުވަސް މަޑުކޮށްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބައި ލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް