ads
ޑރ. ނަޒްލާ މުސްތަފާ-- ފޮޓޯ: އެޗްއީއޯސީ
އައުޓްބްރޭކެއް އައިސްފިނަމަ ފަރުވާދެވޭނެ ފެންވަރު އަތޮޅު ތެރެއަކު ނެތް: ޑރ. ނަޒްލާ
މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނު ވާންޖެހޭ މުއްދަތުކުރުކޮށް، ދޫކޮށްލުމުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތަށް އެކަން ދިމާވެ، އައުޓްބްރޭކެއް އަޔަސް ފަރުވާދޭނެ ފެންވަރު އަތޮޅު ތެރޭގައި ނެތް ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ދިރާސާތަކުން ދައްކާ ގޮތުގައި ފަސް ދުވަހު ކަރަންޓީނުކޮށްފިނަމަ 55 ޕަސެންޓް މީހުން ދެނެގަނެވޭނެ ކަމަށެވެ. އެއީ 100 މީހުން ޕޮޒިޓިވްވާއިރު އަނެއް 45 މީހުންނަކީ ކޮވިޑް ޖެހިފައިވާ ބައެއްކަން ނޭނގި ދޫވެގެން ދިއުން ކަމަށެވެ. 

އަދި ހަތް ވަނަ ދުވަހު ޓެސްޓް ހެދުމަށް ފަހު، ދޫކޮށްލާނަމަ 80 ޕަސެންޓް މީހުން ދެނެގަނެވޭނެކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ 100 މީހުންގެ ތެރެއިން 20 މީހުން ނޭނގި ދޫވެގެންދާ ކަމަށެވެ. އަދި 11 ވަނަ ދުވަހު ޓެސްޓް ހަދާނަމަ، 97 ޕަސެންޓް މީހުން ދެނެގަނެވޭނެކަމަށާއި އޭރުން 100 އަކުން ތިން މީހުން ދޫވެގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތްއިރު ބަލި ކޮންޓްރޯލްކޮށްފައިވާ ގައުމުތަކަށް ބަލާއިރު ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭ ކަމަށެވެ.

" އަޅުގަނޑުމެން މިހާރު މިހަދާ ގޮތަށް 14 ދުވަހުން ހަދާނަމަ 99 ޕަސެންޓް އެބަ ކަވާކުރެވޭ، އޭގެ މަނާއަކީ އެކަކު ނޭނގި ހިނގައިދާނެއޭ. އެހެންވީމަ އަސްލު ބަލާ ބެލުމަށް 14 ދުވަހަކީ ވަރަށް ފުރިހަމަ މުއްދަތެއް. އެއީ މިހާތަނަށް އެންމެ ރަނގަޅަށް ކޮންޓްރޯލްކޮށްފައިވާ ޗައިނާ، ނިއުޒީލެންޑް، އޮކްޓްރޭލިއާ، ކޮރެއާ، ސިންގަޕޫރު، މެލޭޝިއާ، މިހުރިހާ ތަނެއްގަ ވެސް 14 ދުވަސް ބަލަނީ،"

އޭގެ އިތުރުން ކުރު މުއްދަތަކަށް ކަރަންޓީނުވާންޖެހޭ ގައުމުތަކަށް އިޝާރާތްކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެފަދަ ގައުމުތަކުގައި ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ޔޫކޭ މިސާލެއްގެ ގޮތުގައި ދައްކަވަމުން ވިދާޅުވީ އެގައުމުގައި މަގުމައްޗަށް ނިކުންނައިރު މާސްކް އަޅަން ޖެހޭ ކަމަށާއި އެކަމަކު ރަށްރަށުގެ އެންމެން މާސްކް އަޅަމުން ނުދާ ކަމަށެވެ. 

އަދި ބައެއް މީހުން ފުރަބަންދު ކަރަންޓީނު ކުޑަކުރުމަށް ވާހަކަ ދައްކަމުން ގެންދާތީ އެކަމާއި ގުޅިގެން ޑރ. ނަޒްލާ ވަނީ ހަތް ދުވަހަށް ކުޑަކުރުމުން ވެސް ބަލި ހުރި ބައެއް މީހުން ދޫވެގެންދާނެ ކަމަށާއި އެގޮތަށް ދޫވާ މީހެއްގެ ސަބަބުން ވެސް ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަކުގެ ފަރާތުން އަނެކަކަށް ފެތުރި އެނގޭއިރު މުޅި ރަށުގައި އައުޓްބްރޭކެއް އޮންނާނެ ކަމަށެވެ.

ޑރ. ނަޒްލާ ވަނީ އައުޓްބްރޭކެއް އަޔަސް އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ހުރި ގޮތާއި މެދު ވިސްނާލަން ޖެހޭ ކަމަށާއި ނޭނގި އައުޓްބްރޭކެއް އަތުވެއްޖެނަމަ އެކަމަށް ކުރިމަތިލާނެ ފެންވަރު އަތޮޅު ތެރޭގެ ސިއްހީ ނިޒާމުގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، އަތޮޅު ތެރެ ރައްކާތެރިކުރުން މުހިއްމު ކަމަށާއި ވިދާޅުވެ، ޑރ. ނަޒްލާ ވަނީ މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނުގެ މުއްދަތު ކުޑަކުރަން ބޭނުންވާ ފަދައިން އަތޮޅު ތެރޭގެ ރައްޔިތުންގެ ވެސް ހައްގުތައް އޮންނަ ކަމަށާއި އަތޮޅު ތެރޭގައި މިވަގުތު ނޮން ކޮވިޑަށް ފަރުވާދެވެނީ ވެސް ހަމަ ކިރިޔާ ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެންނަށް ރަނގަޅަށް ވެކްސިން ރޯލްއައުޓް ކުރަން ވެސް އުނދަގޫވާނެ އިތުރު އައުޓްބްރޭކަކަށް އަޅާލަން ޖެހިއްޖެއްޔާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. 
67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް