ޑރ. ޖަމީލް މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އަހަރެއް ވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސަރުކާރުން އަނިޔާވެރިކަން އިސްކުރާކަން ކަމަށާއި، އެކަން ކުރަމުން ގެންދަނީ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާ އެއްވެސް އަސާސެއްނެތް ކަންތައްތައް އުފަންކުރުވައިގެން ކަމަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޕްރޮސެކިއުޝަން ގާނޫނު އަސާސީގައިވާގޮތަށް މިނިވަން ނޫން ކަމަށެވެ. އަދި ބޮޑު ހިޔާނާތް ހިންގި މީހުން ތިބީ އަދިވެސް ފިނިކޮޓަރީގައި ކަމަށާއި އިންސާފެއް ނެތްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލު މިހެން ވިދާޅުވި އިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލިތާ މިއަދަށް އަހަރެއްވެގެންދާތީ އިދިކޮޅު ކޯލިޝަނުން ކަނޑުމައްޗަށް ނިކުމެ އިހުތިޖާޖުކުރަން މިއަދު ވަނީ ފަށާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ނަމަވެސް ރައީސް ޔާމީނާއި އެކު މި މައްސަލަތަކުގައި އެންމެ ބޮޑަށް ޝާމިލުވިކަމުގެ ތުހުމަތުވާ އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު ގެ މައްޗަށް ގިނަ މައްސަލަތަކެއް ސާބިތުވި ނަމަވެސް، އެމަނިކުފާނު ހުންނެވީ ގޭ ބަންދުގައެވެ.
އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ގިނަ އަދަދެއްގެ ބައެއްގެ އެކައުންޓަށް ވަތް ކަމަށް އޭސީސީން ބުނި ނަމަވެސް، އެ ފައިސާ އަދި މިހާތަނަށް އަލުން އަނބުރާ ހޯދިފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީ ފައިސާ ވަތް ކަމަށް ބުނާ ބޭފުޅުން މިއަދު މިނިސްޓަރު ކަމުން ފެށިގެންގޮސް އިދިކޮޅު ޕާޓީގެ އިސް ސަފުގައި ވެސް އެބަތިއްބެވިއެވެ.