ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް ސަމަންތާ ވަނީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ. އެގޮތުން ރިސޯޓުގެ ފެހި ގަސްތަކުގެ ތެރޭގަޔާއި ގޮނޑުދޮށުގެ އިތުރުން ޕޫލު ދޮށުގައި ހުރެ ނަގާފައިވާ ރީތި ފޮޓޯތައް އޭނާ ވަނީ ސަޕޯޓަރުންނަށް ދައްކާލާފަ އެވެ.
އުމުރުން 33 އަހަރުގެ ސަމަންތާ ރާއްޖެ އައީ ސީދާ ކޮން ދުވަހެއްގައި ކަން ނޭނގޭއިރު އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަމެއް ވެސް ސާފެއް ނުވެ އެވެ.
ފިލްމީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސަމަންތާ ވަނީ ފިލްމުފެއާ އެވޯޑު ވެސް ހޯދާފަ އެވެ. އަދި 40 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ ސަމަންތާ ކުޅެފައިވާ ބައެއް ފިލްމުތަކަށް ބަލާއިރު އޭނާ ވަނީ "ޔޫ ޓާން" އާއި "ތޭރީ" އަދި "މަޖިލީ" އާއި "އަންޖާން" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ސަމަންތާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް އަދި ދަރިއަކު ނުލިބެ އެވެ. ފިރިމީހާއާއެކު ސަމަންތާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މިހާރު ވެސް ވިވޭކް އޮބްރޯއީ އަންނަނީ އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.