ads
ފޮޓޯ:ސުޕަޗައިނާ ޑޮޓް ކޮމް--
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ކެމްޕޭންތަކެއް ޗައިނާގައި ކުރިއަށް ގެންދަނީ
ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކެމްޕޭންތަކެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީ އިން ވަނީ "މޯލްޑިވްސް ޓްރެވަލް ރޯޑްޝޯ އިން ޗައިނާ" އާއި "އިންފޮމޭޝަން ޕޯޓަލް ފޯ ޓްރެވަލް ޓްރޭޑް" ގެ ނަމުގައި ރާއްޖެ އިސްތިހާރުކުރުމުގެ ދެ ކެމްޕޭނެއް ފަށައިފަ އެވެ.

"މޯލްޑިވްސް އޮންލައިން ރޯޑްޝޯ އިން ޗައިނާ" ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ "ލައިވް ވެބިނާ" އާއި "އޮންލައިން އެގްޒިބިޝަން" ގެ އިތުރުން "ވަން އޮން ވަން މީޓިން" ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާ "އޮންލައިން އެގްޒިބިޝަން" މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެވިގެންދާ އިރު، "ލައިވް ވެބިނާ" މެދުވެރިކޮށް ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެ އަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެން ދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

ޗައިނާގައި ކުރިއަށްދާ މި ރޯޑްޝޯގައި އެމްއެމްޕީއާރުސީ އާއި އެއްކޮށް ބައިވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ އެގާރަ ކުންފުންޏެއްގެ މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށްވެސް އެ ފަރާތުން ހާމަކުރެއެވެ.

މި ރޯޑްޝޯގައި ހިމެނޭ "އިންފޮމޭޝަން ޕޯޓަލް ފޯ ޓްރެވަލް ޓްރޭޑް" މިނީ ކެމްޕޭން ޗައިނާގެ 1.2 ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާ ވީޗެޓްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އެ ކެމްޕޭން މިހާރު ވަނީ ފަށައިފަ އެވެ. އެ މިނީ ކެމްޕޭންގެ ދަށުން ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުރުމާއި ބެހޭ ފަހުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޓަކައި އެމްއެމްޕީއާރުސީ އިން ވަނީ ޓުއާ އޮޕަރޭޓަރުންނާއި ގުޅިގެން ޗައިނާގައި އައުޓްޑޯ ކެމްޕޭންތަކާއި، އެ ގައުމުގެ މަޝްހޫރު މީސްމީޑިއާ ވިއުގަ ކަމަށްވާ "ވެއިބޯ" ގައި ޑިޖިޓަލް ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ބޮޑު އެއް މާކެޓު ކަމަށްވާ އިރު، އޭޕްރިލް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން އެ ގައުމުން 31،744 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް