ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގެއްލުން ކުޑަވާނެ ގޮތަށް މަޝްރޫއުތައް ހިންގާނެ ގޮތް ދުނިޔެއަށް ކިޔައިދެވޭނެ: ރައީސް ނަޝީދު
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް މަޝްރޫއުތައް ހިންގޭނެ ގޮތްތައް ރާއްޖެއިން ދުނިޔެއަށް ކިޔައިދެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗާޓަ އޮފް ދަ ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގައި ރާއްޖޭން ބައިވެރިވުމާމެދު، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއިން މި މުއާހަދާގައި ބައިވެރިވުމުން ނުނިމޭކަމަށާއި، މި މުއާހަދާ ބަދަލުކުރުމަށްވެސް ރާއްޖެއިން މަސައްކަތްކުރަންޖެހޭ ކަމަށެވެ. 

އެ މުއާހަދާއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ގޮތަކަށް ހިންގަންޖެހޭތީ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީން އެކަމާގުޅޭ ރިޕޯޓްތައްވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް މަޝްރޫއުތައް ހިންގޭނެ ގޮތްތައް ރާއްޖެއިން ދުނިޔެއަށް ކިޔައިދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ހިއްކައިގެން މި ހިންގާ، އެހެން ބާވަތް ބާވަތުގެ މަސައްކަތްތައް ކުރީމަ ކިހިނެއްތޯ ވާނީ؟ އަދި މިހާރު އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކަށް ކޮންގޮތްތަކެއްތޯ، މިއީ މިއީ ރާއްޖޭގެ ފަރާތުން ދުނިޔެއަށް މިސާލު ދެއްކޭނެ ކަންކަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މުއާހަދާ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާއްޖެއިން ކުރަންޖެހޭނެ ކަަމަށެވެ. 

ޗާޓަ އޮފް ދަ ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގެ މައިގަނޑު މަގުސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެ ވަސީލަތްތައް ތަރައްގީ ކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެގޮތަށް ބަދަލުކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް