ads
ތޫފާން ބުރެވި އުފެދިފައި--
ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާނަށް މިފަހަރު ދިނީ ދިވެހި ނަމެއް!
ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކުރާއިރު އެ ތޫފާނަށް ދީފައި ވަނީ "ބުރެވި" އެވެ.

ބުރެވި މި ނަމަކީ ދިވެހި ނަމަކެވެ. އެ ނަން ދެވުނު ގޮތާއި ގުޅިގެން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން ސީއެންއެމްއަށް ވިދާޅުވީ މި ސަރަހައްދުގެ ތޫފާންތަކަށް ނަންދެމުންދާ ރީޖަނަލް ސެންޓަރު އިންޑިއާގައި ހުންނައިރު އެ ސެންޓަރަށް މި ސަރަހައްދުގެ 13 ގައުމުން ނަންތައް ހުށަހަޅަމުންދާނެ ކަމަށެވެ. އެގޮތުން އެ ލިސްޓުގެ ތަރުތީބުން ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދެމުންދާނެކަމަށް ވިދާޅުވި އެވެ. 

ޝާބިން ވިދާޅުވީ މިފަހުން އުފެދުނު ތޫފާން ނިވާރަށް ބަލާއިރު އެ ނަމަކީ އިރާނުން ދީފައިވާ ނަމެއް ކަމަށެވެ. އަދި މިފަހަރު އުފެދުނު ތޫފާނަށް ބުރެވީގެ ނަންދިންއިރު ބުރެވިއަކީ ދިވެހި ނަމެއް ކަމަށާއި އެއީ ކަނޑޫފާއާ ގުޅޭ ބަހެއް ކަމަށް ޝާބިން ވިދާޅުވި އެވެ. 

ލަންކާގެ އިރުމައްޗަށް މިހާރު ބުރެވީގެ މިސްރާބު ހުރިއިރު މިރޭގެ ވަގުތެއްގައި ލަންކާގެ އައްސޭރި ފަށަށް ތޫފާން އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝާބިން ވިދާޅުވި އެވެ. އަދި އެ ތޫފާން ދަތުރުކުރަމުންދާނީ ހުޅަނގަށްކަން ފާހަގަކުރައްވަމުން ޝާބިން ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. 

ޝާބިން ވިދާޅުވީ އެ ދެކޮޅިގަނޑުގެ ގުޅިފައިވާ އަސަރު މިއަދު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެގޮތުން މިއަދު މެންދުރުފަހު ރާއްޖެއަށް ވައިގަދަވާނެ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ސަރަހައްދަށް ވައިގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެކަން ފާހަގަކުރައްވާ ޝާބިން ވިދާޅުވީ ވިލާގަނޑުގައި އަދި އިތުރަށް ގަދަވެ ވިއްސާރަވުން ވެސް އެކަށީގެންވާ ކަމަށެވެ. 

ޝާބިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ މޫސުން މަޑުމަޑުން ރަނގަޅުވަމުންދާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. 

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާއިރު މެޓުން ބުނީ ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް