ads
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު--
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑުކުރުން މުހިއްމު: އެޗްއާރުސީއެމް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ލިބެމުންދާ ފައިސާގެ އަދަދު އިތުރުކުރުން މުހިއްމު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ހަރުދަނާ އަދި ފަސޭހަ ގޮތްތަކެއް އެކަށައެޅުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ. 

އަދި ދަރުފަތުރުކުރުމާއި، ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އެކުލަވާލުމަށް ދައުލަތައް އިލްތިމާސްކުރާކަން ފާހަގަކޮށް ބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ
މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް، އެ ކޮމިޝަނުން ދައުލަތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކުރަން އިލްތިމާސްކުރާ ކަމަށެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުންދޭ މާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއްކަމަށް ނުވާތީ، އެފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދު އިތުރުކުރުން މުހިއްމުކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން އެޗްއާރުސީއެމުން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ އެފަދަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް، މިހާތަނަށްވެސް އެ ދަފްތަރު އެކުލަވައިލައިފައިނުވާ ކަމަށެވެ. 

އެހެންކަމުން، ވީހާވެސް އަވަހަކަށް ދަފްތަރު އެކުލަވައިލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާއި، އެޗްއާރުސީއެމުން ބުނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންފަދަ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި، އެއްވެސް މީހަކު ބާކީ ނުވާނޭހެން ކަންކަން ރާވާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހިޔާލާއި މަޝްވަރާ އަދި ޝާމިލުވުން އެކަމުގައި ހޯދަން އިލްތިމާސްކުރާ ކަމަށެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިފަހަރު އ.ދ އިން ކަނޑައަޅައިފައިވާ ޝިއާރަކީ "ކުރިއަށްވުރެ ފުރިހަމައަށް ބިނާކުރުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ، ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭ، ދެމެހެއްޓެނިވި މުޖުތަމައުއެއް ކޮވިޑް-19 އަށްފަހު ބިނާކުރުމަށް" އެވެ. 

ދުނިޔޭގެ ފެންވަރުގައި މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް މުޖްތަމައުގައި އެފަރާތްތަކަށް ލިބެމުންދާ އިހްތިރާމާއި އަޅާލުން ފޯރުކޮށްދީ އެފަރާތްތަކުގެ ބައިވެރިވުން މުޖްތަމައުގެ ކަންކަމުގައި އިތުރުކުރުމާއެކު އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާމެދު މުޖަތަމައު ހޭލުންތެރިކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް