ads
ފޮޓޯ: ރައީސް އޮފީސް
ފުލުހުންގެ ބިލުން އެ މުއައްސަސާ އިތުރަށް ޕްރޮފެޝަނަލް ވާނެ: އެމްޑީޕީ
ފުލުހުންގެ ހިދުމަތުގެ ބިލު ފާސްވެ އަމަލުކުރަން ފެށުމުން އެ މުއައްސަސާ އިތުރަށް ޕްރޮފެޝަނަލް ވެގެން ދާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން އެމްޑީޕީން ނެރުނު ނޫސްބަޔަނާގެއި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، ދިވެހި ފުލުހުންގެ ހުދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަސައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނަކަށް ވާނޭ ކަމަށެވެ. 

އެމްޑީޕީން ބުނެފައިވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެ މުއައްސަސާ ވާންޖެހޭ ކަމަށެވެ. އަދި މި ޤާނޫނު ތަންފީޒުވެގެންދާއިރު އެކަން ހާސިލުވެގެންދާނޭ ކަމަށެވެ.  

"މި ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް އެ ހިދުމަތް ދިނުމެވެ. އަދި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިހްތިރާމްކުރެވިގެން ފޯރުކޮށްދިނުމެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ހައިސިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައިވެ އެވެ. 

އެމްޑީޕީން ބުނެފައިވަނީ ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭނެ ކަމަށެވެ. އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްހީ ފަރުވާގެ ހިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ހިދުމަތުން ރިޓަޔާކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިން ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަން ކަމަށެވެ.

އޭގެއިތުރުން މި ބިލަކީ ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލް ގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ހިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެއްކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް