އެ ތޫފާން ގެ ބާރުކެނޑި މިހާރު ވަނީ ކޮޅިގަނޑަކަށް ބަދަލުވެފަ އެވެ.
މެޓުން ބުނީ ހއ. ކެލާއިން ފެށިގެން ގާތްގަނޑަކަން 642 ކިލޯމީޓަރު ދުރުގައިވާ އެ ކޮޅިގަނޑު ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް ހަ ގަޑިއިރުތެރޭގައި މަޑުމުޑުން ހުޅަނގުދެކުނަށްޖެހި، އިންޑިއާގެ ރަމަނަތަޕޫރަމާއި ތޫތުުކުޑި ހިމެނޭ ސަރަހައްދު ހުރަސްކުރާނެ ކަމަށް ބެލެވޭ ކަަމަށެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެ އެވެ.
އެހެންނަމަވެސް ރާއްޖޭގެ އިރުދެކުނާއި، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަވަމުން ކަމަށް މެޓުން ބުނެފައިވެ އެވެ. އެ ކޮޅިގަނޑު ދަތުރު ކުރަމުންދާނީ ދެކުނު، ހުޅަނގުދެކުނަށް، ރާއްޖެއާ ދުރަށް ކަމަށް ވެސް މެޓުން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ. މެޓުން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަަމަަށް މެޓުން ބުނެ އެވެ.