ads
ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނުތަކެއް:--
ސިހުރުގައި ޖެހި ދިވެހި އަންހެން ކުއްޖެއްގެ ޒިންދަގީ ދިޔަގޮތް
މެދު ރާއްޖޭތެރޭގެ ރަށެއްގައި އުޅުނު އުމުރުން 19 ދިވެހި އަންހެން ކުއްޖެއްގެ ދިރިއުޅުން ބަރުބާދުވީ އޭނާދެކެ ލޯބިވީ ކަމަށް ބުނެ ސިހުރު ބޭނުންކޮށް ނުލަފާ މީހަކު ދިން ކެއްސަކުންނެވެ.

އެއީ 2004 ވަނަ އަހަރެވެ. އޭރު އުމުރުން 19 އަހަރު އަނީސާ (އަސްލުނަމެއް ނޫން) ދިޔައީ ފަތިސް ނަމާދުކޮށްގެން ގެއަށެވެ. 

އޭނާގެ ފަހަތުން މީހަކު ހިގާހެން ހީވެގެން ފަސް އެބުރި ބަލާލެވުނެވެ. އޭރު ފަހަތުގައި ހުރީ އޭނާއެކު އެއް ކުލާހެއްގައި އުޅުނު ހުސޭނު (އަސްލު ނަމެއް) ނޫނެވެ. 

ހުސޭނު ހުރީ ފުދޭވަރަކަށް އޮއްދާ ހިއްލައި މާނޭވާ ލެވިފައެވެ. އެއް އަތް ފަހަތައް ލައިގެންނެވެ. އިރުކޮޅަކުން ފަހަތުގައި އޮތް ކުރިމަށްޗަށް ލުމަށްފަހު ދިއްކޮށްލީ މާބޮނޑިއެކެވެ. އެއީ ޕުލާސްޓިކުން ހަދާފައިވާ ފިނިފެންމާ ބޮނޑިއެކެވެ. 

މާބޮނޑި ދިއްކޮށްލުމާއެކު އަނީސާއަށް ހުސޭނު ލޯބި ހުށަހެޅިއެވެ. އަދި އޭނާއާއި ކައިވެނި ކުރާނަންތޯ އެހިއެވެ. އަދި އަނީސާގެ އަތުގެ ތެރެއަށް މާބޮނޑިލިއެވެ. 

އަނީއަށް ލިބިފައިވާ ކުއްލި ހައިރާންކަމާއެކު އަނގައިން އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. 

ލިބިފައި ހުރި ޝޮކުގައި އަނީސާއަށް ގެއަށް ދެވުނު ގޮތް ވެސް ނޭގެއެވެ. ނަމާދަށް ދިޔަ މުސައްލައިގެ ތެރެއަށް މާބޮނޑި ކޮށްޕާލައިގެން ގޮސް ގެއަށް ވަދެ އަލަމާރި މައްޗަށް މާބޮނޑި އެއްލާލުމަށްފަހު ގެއަށް އައި މަގު މަތީގައި ވީކަންތަކާމެދު ވިސްނަން އޮއްވާ އަނީސާ އަށް ނިދުނެވެ. 

އެދުވަހު އަނީސާއަށް ހުވަފެނުން ވެސް ފެނުނީ އޭނާގެ ފަހަތުން ހުސޭނު އަންނަތަނެވެ. އަދި ފަހަތުން އައިސް ހިލި ހިލާޖަހައިގެން އަނީސާ ދަމާ ގެންގޮސް ގަހެއްގައި އަނީސާ ބަންނަ ތަން އޭނާ އަށް ހުވަފެނުން ފެނުނެވެ. 

ހުވަފެނުން ހޭލެވުނު އިރު އަނީސާ ހުރީ ވަރަށް ބޮޑަށް ފެން ބޮވައިގަނެފައެވެ. އެ ދުވަހު ހަވީރު ރަހުމަތްތެރިއަކާ ބައްދަލުކޮށްލުމަށް އަނީސާ ގެއިން ނުކުތް ވަގުތު ހުސޭނު އަނެއްކާވެސް އަނީސާ ފަހަތުން އަޅުވާލިއެވެ. 

ފަތިހު ކުރި ސުވާލުގެ ޖަވާބު ދިނުމަށް އެދުނެވެ. ނަމަވެސް އަނީސާގެ އަނގައިން ހުސޭނަށް ނޫނެކޭ ބުނަން ކިތަންމެ ބޭނުންވި ނަމަވެސް އެ ބަހެއް އަނީސާގެ އަނގައިން ނުނުކުތެވެ. 

ހުސޭނާއެކު ޒަވާޖީ ހަޔާތެއް ފަށަން ބޭނުން ނުވާކަމަށް ބުނަން ބޭނުންވި ނަމަވެސް އަނީސާގެ އަނގައިން އެ ބަސް ނުނުކުތެވެ. ހުއްޓުން އަަރަނީއެވެ. އަނީސާ ހުރީ ހުސޭނުގެ ސިހުރުގެ ބާރުގައިކަމެއް އޭރު އަނީސާއަކަށް ނޭގުނެވެ. 

"އެއްޗެކޭ ނުބުނީމަ އޭގެ މާނައަކީ އާއެކޭ ކަމަށް މަ ބަލާނީ... އަނީސާ ހިނގާ އަންނާއެކު ތުނޑިއަށް ހިނގާލަން ދަމާ؟" 

ހުސޭނުގެ އެދުމާއެކު އަނީސާއަށް ބޭއިހުތިޔާރުގައި އެ ރަށުގެ ތުނޑިއާއި ދިމާލަށް ހިނގައިގަނެވުނެވެ. 

ތުނޑީކޮށް ދެވުނީ އަނިސާގެ ހިތް ނުރުހުނަސް އޭނާގެ ހަށިގަނޑުގައިވާ އެހެން ބާރުކަކުން ކަން އަނީސާއަށް އެނގުނެވެ. 

އަނީސާއަށް މަޑުުމަޑުން މިއުޅެނީ ސިހުރެއްގައި ޖެހިގެންކަން އެނގުނެވެ. ނަމަވެސް، ދުލުން ހެޔޮ އެއްޗެއްވެސް ނުކިޔޭ މިންވަރަށް އެނާގެ ދޫ ވަނީ ބަންންދުކޮށްލާފައެވެ. 

އަނީސާގެ ފަހަތުން ހުސޭނު އައިސް އޮޅުލައިގަތެވެ. ކައިވެނީގެ ކުރިން ނަހަމަ އެއްވެސް ގުޅުމެއް ނުހިންގުމަށް ހިތުގައި އަޒުމު ކަނޑައަޅައިގެން ހުރި އަނީސާއަށް ރޮވުނެވެ. ނަމަވެސް އޭނާގެ ނުރުހުމުގައި އަދި އަތުންނާއި ފައިން އަދި ދުލުން އެއްވެސް އެއްޗެއް ނުބުނެވޭ ހާލުގައި ހުއްޓާ ހުސޭނޭ އޭނާގެ އަމިއްލަ އެދުންވެރިކަން ފުއްދައިލިއެވެ. 

ހިތުގެ އަޑިން ﷲ ގެ ހަޒުރަތުން އެހީއަކަށް އެދުން ނޫންކަމެއް އަނީސާއަށް ނުކުރެވުނެވެ. 

އެދުވަހު ގެއަށް ދެވުނު އިރު މަގްރިބް ނަމާދުން މީހުން ފައިބައިގެން ގެއަށް ދަނީއެވެ. 

ބަހެއް ވެސް ބުނެމެއް ނެތި އިސްޖަހާލައިގެން ހުރެ އަނީސާ ގެއަށް ވަނެވެ.

އަނީސާގެ މޫނުމަތިން ފެންނަން ހުރި މާޔޫސްކަން އޭނާގެ މަންމައަށް ފެނި ސުވާލުކުރިއެވެ. 

ހުސޭނުގެ ނުބައި ނުލަފާކަން ކިޔައިދޭން އަނީސާ ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް އެއްވެސް ބަހެއް ނުބުނެވި އޭނާއަށް ރޮވުނީއެވެ. 

 އޭނާއަށް ދިން ބޮޑު އަނިޔާގެ ވާހަކަ މަންމަ ގާތުގައި ބުނަން ނުހަނު މަސައްކަތް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އެނާގެ އަނަގައިން ނުނުކުތެވެ. 

އަނީސާގެ މަންމަވެސް ނިންމީ އޭނާގެ ރަހުމަތްތެރިޔާ އާއި މައްސަލައެއް ޖެހިގެން ހިތްހަމަނުޖެހިގެން އެނބުރި ގެއަށް އައީކަމަށެވެ. 

ނަމަވެސް އަނީސާ އެރެއަކު ނުކައެވެ. ކޮޓަރިއަށް ވަތް ގޮތައް ނުވެސް ނުކުތެވެ.

 އަނީސާގެ ހަބަރެއް ނުވެގެން އޭނާގެ މަންމަ ކޮޓަރިއަށް ވަތް އިރު އަނީސާގެ ހެއެއް ނެތެވެ. އަނަގައިން ފޮނުތަކެއް އަރަނީއެވެ. އޭނާގެ މަންމަ އޭނާގެ މޫނުގައި ފެން އުނގުޅައި ހޭ އެރުވިއެވެ. 

ވީގޮތެއް ކިޔައިދޭން އޭނާގެ މަންމަ އެދުނެވެ. ނަމަވެސް އަނީސާއަށް ބުނެވުނީ އެހެން ވާހަކައެކެވެ. ހުސޭނާއި ކައިވެނި ކުރަން ބޭނުންވާވާހަކައެވެ. ހުސޭނާ ކައިވެނި ނުކުރެވެނީ ނުކާނެކަމަށާއި، އަޅުކަން ވެސް ނުކުރާނެކަމަށް އަނީސާ ބުންޏެވެ. 

އަނީސާ އެހެން ބުނަމުން ގެންދިޔައީ އޭނާގެ މައްޗަށް ޖައްސާފައިވާ ސިހުރެއްގެ ސަބަބުންނެވެ. އަނީސާގެ މަންމައަކީ ކޮންމެވެސް މިންވަރަކަށް މިފަދަ ކަންކަމާމެދު ހޭލުންތެރިވެފައިވާ މީހެއްކަމުން އެރަށުގައި ދިރިއުޅޭ ފަންޑިތަ ހަދާ މީހަކާއި މިވާހަކަ ދައްކައި، ޖެހިގެން އައި ދުވަހު ފަންޑިތަ ހަދާ މީހާ އެގެއަށް ގެނައެެވެ. 

ފަންޑިތަ ހަދާމީހާ އެ ގެއަށް ވަނުމެ މާކުރިން އޭނާ ހުރި ތަނަކާއި، އޭނާ ލައިގެން ހުރި ހެދުމަކާއި ކިޔާ ދިނުމަށްފަހު އަނީސާ ބުނަމުން ދިޔައީ އޭނާ އެ ގެއަށް ނުގެނައުމަށެވެ. 

ނަމަވެސް ފަންޑިތަ ހަދާ މީހާ އެގެއަށް އައިސް އަނީސާއަށް ސިހުރު ހެދުމަށް ބޭނުންކުރި ތަކެތި ހުރީ އަނީސާގެ ކޮޓަރީގައި ކަމަށް ބުންޏެވެ.

 ކޮޓަރީގައި އެހެން ނޫނީ ނެތް އެއްޗެއް އޮތް ނަަމަ ބޭރަށް ނެރި އަންދާލުމަށް އެދުނެވެ. ނަމަވެސް، އަނީސާ އެ ދުވަހު މާ ބޮނޑި އެއްލާލާފައި އޮތީ އަމާރި މައްޗަށްކަމުން އެ ކޮޓަރި ބަލައި ހޯދައިގެން ވެސް އެގޭ މީހުންނާށް ކުރިން ނެތް އެއްޗެއް އެ ކޮޓަރިން ނުފެނުނެވެ. އެހެންކަމުން އަނީސާގެ އާއިލާ މީހުން ބެލީ ފަންޑިތަ ހަދާ މީހާ ދައްކަނީ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށެެވެ. 

އަނީސާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް އިތުރަށް ގޯސް ވާން ފެށުމުން މާލެއަށް ދާން އޭނާގެ އާއިލާ މީހުން ނިންމިއެވެ. 

މާލެގެނެސް ނަފްސާނީ ޑޮކްޓަރަކަށް އޭނާ ދެއްކިއެވެ. ނަމަވެސް އޭނާއަށް ކާން ދޭންޖެހެނީ ގަދަކަމުންނެވެ. ދަންވަރު ނުނިދާ ހަޅޭލެވުމާއި ރުއިމާއި ހުނުމުގައި އަނީސާ ހޭދަކުރެއެވެ. ޑޮކްޓަރުގެ ބޭސްތައް ކައިގެންވެސް އެއްވެސް ކުރިއެރުމެއް ލިބޭ ގޮތް ނުވިއެވެ. 

އެންމެފަހުން އަނީސާގެ އާއިލާއިން ނިންމީ ހުސޭނާއި ބައްދަލުކޮށް ކޮންމެ ފަދަ އަގެއް ދީގެން ނަމަވެސް އެމީހުން ލޯބިވާ ދަރިފުޅު ސަލާމަތް ކުރާށެވެ. 

އެހެން ކަމުން މާލޭގައި ތިން ހަތަރު މަހެއް ހޭދަކުރުމަށްފަހު އެނބުރި ރަށް ދިޔައެވެ. 

ރަށަށްގޮސް ފުރަތަމަކަމަކަށް ވެސް އަނީސާގެ ބައްޕަ ދިޔައީ ހުސޭނާއި ބައްދަލުކުރާށެވެ. 

ހުސޭނު ގާތުގައި އަނީސާގެ ހާލު ބުނުމުން އޭނާ އެކަން އެނގޭކަމަކަށް ނުހެދިއެވެ. އަނީސާގެ ބައްޕަ އާދޭސްކޮށް އޭނާގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދުނެވެ. ނަމަވެސް ހުސޭނުގެ ހިތުގައި އޮތީ އަނީސާއާއި ކައިވެނި ކުރުމެވެ. އެހެންކަމުން ހުސޭނު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. 

މިގޮތައް ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު އަނީސާގެ ބައްޕަ ގޮސް ހުސޭނުގެ ގާތުގައި އާދޭސްކޮށް ހަދައެވެ. އެންމެފަހުން ހުކުރު ދުވަހެއްގެ މެންދުރު ހުސޭނަށް ކެތް ނުވެގެން އަނީސާ ސަލާމަތް ކޮށްދީފާނެކަމަށް ބުންޏެވެ. ނަމަވެސް އަނީސާއަށް ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ހުސޭނާއި ކައިވެނި ކުރުންކަމަށް ބުންޏެވެ. 

އަނީސާގެ އާއިލާއިން އެކަމާއި ދެކޮޅުހެދިއެވެ. އޭނާގެ ދަރިފުޅު ދޫކޮށްލުމަށް ކިތަންމެ ބޮޑު ހަރަދެއް ކުރަންޖެހުނަސް ކުރާނެކަމަށް ބުނެ މަސައްކަތް އިތުރަށް ވަރުގަދަކުރިއެވެ. 

އައްޑޫ އަތޮޅުން ފަންޑިތަވެރިއެއް ބޮޑު އަގު ދީފައި އެރަށަށް ގެނެސް މަސައްކަތް ފެށިއެވެ. ނަތީޖާއްގެ ގޮތުން ހުސޭނަށް ވެސް އުނދަގޫވާން ފަށައިފިއެވެ. 

މިގޮތައް ފަންޑިތަވެރިޔާ އެރަށަށް ގެނައިތާ ތިން ވަނައަށް ވީ ދުވަހު ހުސޭނު އެގެއަށް އައިސްފިއެވެ. އަދި ކިޔެވެލި ހުއްޓައިލުމަށް އެދުނެވެ. ނަމަވެސް ފަންޑިތަހަދާ މީހާ އެނގޭކަމަށްވެސް ނުހަދާ ކިޔެވެލި ކިޔަވަމުން ގެންދިޔައެވެ. 

އެންމެ ފަހުން ހުސޭނު މެދު ހަށިން ފަހަތަށް ވާގޮތައް ލެނބި އޭނާގެ ދެއަށް ބިމުގައި ޖައްސައި ހިނގަން ފަށައިފިިއެވެ. 

ހުސޭނުގެ ހަށިގަނޑަށް އަނީސާއާއި އެޅުވި ޖިންނި އެންމެ ފަހުން ވަނީއެވެ. އަދި ހުސޭނު ތެޅެމުން ތެޅެމުން ގޮސް  އަލަމާރީގައި އެލިގަނެ އަލަމާރި ވައްޓާލިއެވެ. އަލަމާރި މަތިން ވެއްޓުނީ ހިރަފުސް އަރާ ފުރިފައި އޮތް މާ ބޮނޑިއެކެވެ. 

ފަނިޑިތަ ހަދާ މީހާ ވަގުތުން މާ ބޮނޑި ނަގައިގެން ގެންގޮސް އަންދާލިއެވެ. 

އެކަން ނުކުރުމަށް ހުސޭނު ރޮއެ އާދޭސް ކުރިއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ މާބޮނޑި އަންދާލުމާއެކު ހުސޭނާއި އަނީސާ ހޭނެތިގެން ވެއްޓުނެެވެ. 

އަނީސާ ހޭއެރި ފަހުން މަޑުމަޑުން ހަމަ ބުއްދި އައެވެ. ނަމަވެސް، އޭނާ މޮޔަވެފައި ހުރި ދުވަސްތަކުގައި އޭނާގެ ކިޑްނީއާއި ޗިސް މެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފައެވެ. އައްޑޫއިން ގެނައި ފަންޑިތަ ހަދާ މީހާ ބުނާ ގޮތުގައި އަނީސާއަށް މާ ބޮނޑި ދިނުމުގެ އިތުރުން އަނީސާއަށް އެއްޗެއް ކާން ދީފައިވެސް އެބަހުއްޓެވެ.

އަނީސާގެ ހާލު ކޮންމެވެސް މިންވަރަކަށް ފަހުން ރަނގަޅުވިއެވެ. ނަމަވެސް ފަހުން އެއް ކިޑްނީ ފެއިލްވިއެވެ.

އަނީސާ އުމުރުން 30 އަހަރުގައި އޭނާ މަރުވިއެވެ. ނަމަވެސް އޭނާ މަރުވީ ސިހުރުގެ ސަބަބުން ނޫންކަމަށް ވެސް ވެދާނެއެވެ. އަނީސާ މަރުވިއިރު ސިހުރު ހެދި ހުސޭނު ހުރީ ދުނިޔެއިން މޮޔަވެފައެވެ. ނަމަވެސް އަނީސާ މަރުގެ ތުންފަތް މަތީގައި ހުސޭނަށް މައާފުކުރިކަަމަށް އޭނާގެ އާއިލާ މީހުން ބުނެއެވެ. 

19%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް