ads
ފޮޓޯ: ފުލުހުން
އައްޑާއެއްގައި 18 މަސް: ޒުވާނާގެ ދުލުން!
ޒުވާން ފިރިހެން ކުއްޖެކެވެ. ވިހި އަހަރެއް އަދި ނުފުރެއެވެ. އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި އައްޑާތަކަށް ދާން ފެށިގޮތް ކިޔައިދިނެވެ.

މީގެ ދެ އަހަރު ކުރިއެވެ. ބާރުގަދަ މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ދިޔަގޮތް ކިޔައިދެމުން އޭނާ ބުނީ މާސްތުވާތަކެތި ބޭނުންކުރަން ފެށުނީ ލޯބިވެރިޔާގެ އާއިލާގެ މީހަކާއި އުފެދުނު ގާތް ގުޅުމެއްގެ ތެރެއިން ކަމަށެވެ. 

މައުސޫމް (އަސްލު ނަމެއް ނޫން) އޭރު ދިޔައީ ގައުމީ ޔުނިވާސިޓީގައި ކޯހެއް ހަދަމުންނެވެ. 

އެ ކޯހުގެ ކުރީކޮޅު އޭނާ ދިޔައީ ޝައުގުވެރިކަމާއެކު ކިޔަވަމުންނެވެ. ކުލާހުން އާ ރަހުމަތްތެރިން ވެސް ލިބި އެމީހުންނާއި ގާތް ރަހުމަތްތެރިކަމުގެ ގުޅުން އުފެދެމުން ދިޔައެވެ. ފުރަތަމަ ސެމިސްޓާ ނިމިއްޖެ އެވެ. އެ ސެމިސްޓާ ނިންމާލީ ރަނގަޅު ނަތީޖާއެކު ކަމަށް މައުސޫމް ބުނެއެވެ. 

ސެމިސްޓާގެ ނަތީޖާ ލިބުނު ދުވަހު ކުލާސް ކުދިން ރާވާފައި އޮތީ ސައި ޕާޓީ އެއް ބާއްވާށެވެ. އެއީ ކުލާސް ކުދިން އެއްވެ އުފާކޮށް މަޖާކޮށްލުމަށެވެ. ނަަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ސަބަބަކީ އެ ކުލާސްކުދިން އެއްވުމަށް ދާންޖެހެނީ ކޮންމެވެސް ޕާކަކަށެވެ. ނުވަތަ ކޮންމެ ރަހުމަތްތެރިއެއްގެ ގޭގެ ޓެރަސް ފަދަ ތަނަކަށެވެ. 

ޕާޓީ ބާއްވާނެ ތަނެއް ރަނގަޅަށް ކަނޑަ ނޭޅި އުޅެނިކޮށް މުޅި ޕާޓީ ނުބާއްވާ ގޮތަށް ނިންމައިފި އެވެ. ވާގޮތަކީ ބައެއް ކުދިން ޕާކުގައި ސައި ބޯން ބޭނުން ނުވަނީއެވެ. އަދި އަނެއްބައި ކުދިންނަށް މީހެއްގެ ގޭގެ ޓެރަހަށް ދާން ބޭނުން ނުވަނީ އެވެ. ނުވަތަ ބެލެނިވެރިއާގެ ހުއްދަ ނުލިބެނީއެވެ. 

ކުލާސް ކުދިން ވައިބާ ގުރޫޕުގައި ކުރާ ޒުވާބާ، ކުރާ ހަނގާ ބަލަން އޮއްވައި މައުސޫމް އަށް ނިދިއްޖެ އެވެ. އޭރު ގާތް ގަނޑަކަށް ގަޑިން އިރު އޮއްސި ހަތެއް ޖަހާނީއެވެ. ކުއްލިއަށް ސިއްސައިގެން ގޮސް މައުސޫމް އަށް ހޭލެވުނީ ފޯނު ރިންގުވީ އަޑަށެވެ. 

ގުޅުނީ ނުދަންނަ ނަންބަރަކުންނެވެ. މައުސޫމް ފޯނު ނެގިއެވެ. 

ފޯނުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. ބުނީ އެނާއަކީ މައުސޫމްގެ ކުލާހުގައި އުޅޭ ހަނާ (އަސްލުނަމެއް ނޫން) ކަމަށެވެ. 

ހަނާ ގުޅީ ޕާޓީ ނުބޭއްވޭތީ އެކަމާ ދެރަވެގެން އެވާހަކަ ދައްކާށެވެ. ހަނާ ބުނީ އެހެންނެވެ. އެ ވާހަކައިގެ ތެރެއިން ހަނާގެ ގެއަށް އައުމަށް މައުސޫމް އަށް ދައުވަތު ދިނެވެ. 

"ކަޓު މީހުންނަކަށް ޕާޓީއެއް ނުބޭއްވޭނެ.. އާދޭ މިގެއަށް. މިގެއަށް އައިސް ކުލާސް ކުދިންނަށް ގުޅާނީ... އައި ބަޔަކު އައީ ނައި ބަޔަކު ނައީ.."

ހަނާގެ ބަސްތައް އަދިވެސް މައުސޫމްގެ ކަންފަތުގައި އަޅާ ބެލްއެއް ހެން ހަނދާން އެބަހުއްޓެވެ. 

ހަނާގެ ދައުވަތައް މައުސޫމް އެގެއަށް ދިޔައެވެ. މާބޮޑަށް ތައްޔާރެއްވެސް ނުވެ. ލައިގެން ދިޔައީ ވެސް ނިދަން އޮތް ޓީޝާޓު ގަނޑާ ޖިންސެއް އެކަންޏެވެ. ސެންޓު ކޮޅެއްވެސް ޖަހާ ނުލައެވެ. އޭރު މައުސޫމްގެ ހިތުގައި ހަނާއަށް ލޯތްބެއް ނޫފެދެއެވެ. ދެކެނީއެއީ ރަހުމަތްތެރިއެއް ކަމަށެވެ. 

ހަނާ ދިރިއުޅޭ ގޭގެ ތިރީގައި މަޝްހޫރު ފިހާރައެއް ހުންނާތީ މައުސޫމަށް މާ ބޮޑު ދަތިކަމެއް ނެތި ހަނާގެ ގެ ހޯދިއްޖެއެވެ. އެ ގެ ހުންނަނީ މައުސޫމް ދިރިއުޅޭ ގެއާއި ވެސް ފުދޭވަރަކަށް ކައިރީގައި ކަން ހަނާއަށް ވެސް އެނގުނީ އެ ދުވަހުއެވެ. 

އޭރު 7:30 ބައި ވަނީ އެވެ. އަށެއް ނުޖަހާތީ ފިހާރަތައް ނުދިއްލާތީ މަގުމަތިވެސް ކޮންމެވެސް މިންވަރަކަށް އޮތީ އަނދިރިކޮށެވެ. 

ހަނާގެ ގެއާ ހަމަވުމުން މައުސޫމް އޭނާއަށް ގުޅަން ފޯނު ނެގި އިރު ހަނާ ހުރީ އެ ގޭ ތިރީގައި މައުސޫމްގެ އިސްތިގުބާލުގައެވެ. ބޮޑު ދަނގަނޑު ދޮރާށިން ބޯ ދިއްކޮށްލައިގެންނެވެ. މައުސޫމް ފެނުމުން ހަނާ ކުއްލިކަށް ދޮރާށި ހުޅުވާލިއެވެ. މައުސޫމަށް އެންމެ ފުރަތަމަ ހަނާ ލޮލުގައި އަޅައި ނުގަތީ އެނާގެ ބޮލުގައި ކުރިން އޮންނަ ބުރުގާ ނެތީމައެވެ. ކުރިން ލާ އަތް ދިގު ހެދުމުގެ ބަދަލުގައި ލައިގެން ހުރީ ކޮނޑު ކެޑިއެކެވެ. ކުރު ސޯޓު ކޮޅެކެވެ. އެއީ ހަމަ ހަނާކަމެއް މައުސޫމްއަށް ނޭނގުނެވެ. 

ފަން އިސްތަށިގަނޑަކާއެކު ހުރި ދޮން ރީތި ކުއްޖެކެވެ. މައުސޫމް އަށް ކުރިން ހަނާ ލޮލުގައި އަޅައި ނުގަތީ ބުގުގާ އަޅާތީކަމަށް މައުސޫމް ބުންޏެވެ. ނަމަވެސް ބުރުގާ ނެތި ހަނާ ފެނުނު ދަނޑިވަޅުން މައުސޫމްގެ ހިތުގައި އެތައް ހާސް އަހަރުތަކެއްގެ ޖަބުތާ އެނބުރިގަތެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވުނު ފަދައެވެ. 

"އޭ ކޯއްޗެއް ތި ބަލަނީ؟" މައުސޫމް އަށް ގޮވާލާ ހަނާ ބުންޏެވެ. 

މައުސޫމް އޭރު ހުރީ ކަޅިވެސް ޖަހާނުލާ ހަނާއަށް ބަލާށެވެ. އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން މައުސޫމް އެތެރެއަށް ވަނެވެ. 

"ހަނާ ވެސް ނިދަން އުޅެފަ ހިތަށް އެރީ ގުޅާލާނަމޭ އަންނަ ކުދިން ބަލާލަން.. ފުރަތަމަ މި ގުޅީ ޔޫ އަށް،" 

ހަނާއާއެކު އެތެރެއަށް ވަދެގެން ގޮސް ވަނީ ލިފްޓަށެވެ. 

ލިފްޓުން އެރި ހަތް ވަނަ ފަންގިފިލާއަށެވެ. 

އެ ފަންގި ފިލާއިން ސިޑިއަކުން ހަނާ އަރަން ފެށިއެވެ. މައުސޫމްވެސް ފަހަތުން ދިޔައެވެ. 

އަށް ވަނަ ފަންގި ފިލައަކީ އެ ގޭގެ ޓެރަހެވެ. 

ވަތް އިރު އޮތީ އަނދިރިކޮށެވެ. ވަންނަމުން ހަނާ ބޮކި ދިއްލާލުމާއެކު ބޮޑު މާބަގީޗާއެއް ހެން ޓެރަސް އަލިވިއެވެ. ފަނޑު ފަނޑު ރީނދޫކުލައިގެ އިޝްގީ އައްޔަކުންނެވެ. 

މައުސޫމް އަށް ކޮފީ ތައްޓެ ހަނާ ގެނެސް ދިނެވެ. އަދި ހަނާ ރެޑް ބުލް ދަޅެއް ކަނޑާލިއެވެ. 

"ތީ ހަމަ މައުސޫމްތަ؟ މިހެން މިއެހީ މިހާރު މަށާ ދިމާވިތާ މިވަނީ 15 މިނެޓު އަދި ހަމަގައިމު އެއްޗެއް ނުބުނޭ... ކޮންކަމަކާތަ ބިރު ތި ގަންނަނީ؟ ނުބައިކަމެއް ކުރަން ހިތުލައިގެން އައީމަތަ؟ ނޫނީ މަ މި ހުރި ގޮތަކުން އެހެން ގޮތެއް ވަނީ ތަ؟" ހަނާ ސަމާސާ ރާގަކަށް ބުނެލިއެވެ. 

ހާނާގެ ވާހަކަ އަޑުއަހަ އިންދެފައި މައުސޫމް ވެސް ސަމާސާ ރާގަކަށް ވާހަކަތަކެއް ދައްކާ އޭނާގެ ހިތުގައި ހިނގާ ޖަޒުބާތުތައް ފޮރުވާލިއެވެ. 

ދެމީހުން އެރޭ ނިންމީ އެ ކުލާހުގެ އިތުރު ކުދިންނަށް ނުގުޅައި ދެ މީހުން ވާހަކަ ދައްކާލާ މަޖާކޮށްލާށެވެ. އެއީ ހަގީގަތުގައި ހަނާވެސް މައުސޫމް ވެސް ހިތުގެ އަޑިންވެސް ބޭނުންވި ގޮތެވެ. 

އެރޭގެ ބައްދަލުވުމަށްފަހު އެ ބައްދަލުވުންތައް އިތުރުވެ ހަނާއާއި މައުސޫމް އެކުގައި އުޅޭ ވަގުތުތައް ވެސް އިތުރު ވާން ފަށައިފި އެވެ. 

ދެވަނަ ސެމިސްޓާއަށް ހުޅުުވުނުއިރު މައުސޫމް އާއި ހަނާ ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އެކަން ކުލާސްކުދިންނަށް ވެސް ހާމަ ކޮށްފިއެވެ. ކުލާހުގައި ވެސް މިހާރު ދެ ލޯބި ވެރިން ތިބެނީ އެކު އެކީ އެވެ. މައުސޫމް ބުނާ ގޮތުން ބައެއް ފަހަރު ޓީޗަރުން ހިތް ހަމަ ނުޖެހިގެން ދުރުވެސް ކުރެއެވެ.

އެންމެ ފަހުން ދެމީހުން އެކަކު އަނެކަކުގެ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިންނަށް ވެސް އިންޓްރޮޑިއުސްކޮށްދީ ހަދައިފިއެވެ. 

އެކަން އެގޮތަށް ކުރި ނަމަވެސް ހަނާގެ އެންމެ ދޮށީ ބޭބެ ފިކުރީ (އަސްލު ނަމެއް ނޫން) އާއި ގުޅުން އެއްގޮތަކަށް ވެސް ނުބޭއްވުމަށް ހަނާ ވަނީ އެދިފައެވެ. 

ހަނާމެން ގެއަށް މައުސޫމް ދާއިރު ވެސް ފިކުރީ ފެނެއެވެ. ފިކުރީ އަށް ސަލާކޮށްލުން ފިޔަވާ އިތުރު ވާހަކައެއް މައުސޫމް ނުއްދަކައެވެ. އަދި ފިކުރީ ވެސް އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ފިކުރީގެ އެޕާޓުމަންޓަށް ތަފާތު އެކި އުމުުރު ފުރާތަކުގެ ޖިންސު ލަތީފުން ވަދެ ހަދައެވެ. ބައެއް މީހުން ވަންނައިރު ވެސް އަދި ނުކުންނައިރު ވެސް ތިބެނީ ބާރު ގަދަ މަސްތުވާތަކެތީގައި ކަން އެނގެއެވެ. 

ފިކުރީއާއި ވާހަކަ ނުއްދަކަން ހާނާ އެދިފައި އޮންނަނީ އެ ސަބަބައްޓަކައި ކަން ވެސް މައުސޫމަށް އޮތީ އެނގިފައެވެ. 

ހަނާއާއެކު މައުސޫމް ލޯބީގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ހަނާގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ހަނާއަށް ޖެހުނީ އޭނާގެ މަންމާއާއެކު ބޭރު ގައުމަކަށް ފުރާށެވެ. ހަނާއާއި އެކު އެނާގެ ބައްޕަ ވެސް ދިޔައެވެ. މިހެންކަމުން ހާނާ ދިރިއުޅޭ ދެ ގޭގެ ދެ އެޕާޓުމަންޓުގެ ތަޅުގަޑި ވެސް ދިޔައީ މައުސޫމް އާއި ހަވާލުކޮށްފައެވެ. ކޮންމެ ދުވަހަކު ދެ އެޕާޓުމަންޓު ބަލައި ޗެކް ކުރުމަށް އެދިއެވެ. ސަބަބަކީ ހަނާގެ ބޭބެ ފިކުރީ އަކީ ކޮންކަހަަލަ މީހެއްކަން ހަނާގެ އާއިލާއަށް އެނގޭތީއެވެ. 

ފިކުރީގެ "އައްޑާ" އަށް ވަނަ މީހުންނަކީ ރަނގަޅު ބައެއް ނޫންކަމަށް ހަނާގެ އާއިލާއިން ދެކެއެވެ. އެމީހުން ވައްކަން ކޮށްފާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ. އެކި އެޕާޓުމަންޓުތަކުގެ ބޭރުގައި ހުންނަ މީސް މީހުންގެ ފައިވާން ފަދަ ތަކެތި މީހުން ވަގަށް ނަގާކަމަށް ހަނާގެ އާއިލާ މީހުން އޮތީ ކިޔާދީފައެވެ.

ހަނާ ފުރި ދުވަހު މައުސޫމް ހަނާމެން ގެއަށް ދިޔައެވެ. އޭގެއަށް ވަދެ ލިފްޓުން ހަނާގެ ބޭބެ ފިކުރީ އާއި ދިމާވިއެވެ. 

މައުސޫމް އާއި އަލަށް ފިކުރީ ވާހަކަ ދެއްކީ އެ ދުވަހުއެވެ. 

މައުސޫމްއަށް ފިކުރީގެ އެޕާޓުމަންޓަށް ގޮސް "ސައި ބޯން" ދައުވަތު ދިނެވެ. 

ފިކުރީގެ ދައުވަތު އަށް ދެކޮޅު ހަދަން މައުސޫމް އަށް ނުކުރުނެވެ. މައުސޫމް އަނގައިން އެއްޗެއް ނުބުނެވި އުޅެނިކޮށް "އެޕާޓުމަންޓުގައި މިވަގުތު އެއްވެސް މީހަކު ނޫޅޭ" ކަމަށް ފިކުރީ ބުންޏެވެ.

ފިކުރީއަށް އިތުބާރުކޮށް މައުސޫމް ނިންމީ "ސައި ބޯން" ދާށެވެ. ފިކުރީއަކީ ހަނާގެ ބޭބެކަމުން މައުސޫމް އޭނާއަށް ކުރާ ގަދަރެއްގެ ބޮޑުކަމުން ވެސް އެނާއަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އަދި އެދުނީ ވެސް ނުބައި ކަމެއް ކުރަން ނޫންކަމުން ފިކުރީއާ އެކު ދާން ނިންމިއެވެ. 

ފިކުރީއާއެކު މައުސޫމް ގޮސް އެ "އައްޑާ" އަށް ވަނެވެ. އެތަނުގެ އެތެރޭގައި ދުވަނީ ބޮލަށް އުނދަގޫވާ ޒާތުގެ ދުން ވަހެކެވެ. 

މުޅި އެޕާޓުމަންޓުގެ އެތަން މިތާނގައި އޮތީ ކުންއަޅާ ފުރާފައެވެ. ކުޑަ ދޮރުތަކުގައި ހުރީ ކަޅު ކަރުދާސް ޖަހައި ބަންދުކޮށްފައެވެ. އޭސީ ހުރީ ސާވިސް ނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން ކިލާއިން ފުރިފައެވެ. 

ހިރަފުހާ ގެނދަބުޅިން ފުރިފައި ހުރި ކަބަޑެއްގެ ތެރެއިން ފެނުނު ޓުޑޭސް ޓޭސްޓު ސައި ފަތް ޕެކެޓެއް ނެގިއެވެ. އެ ސައިފަތް ޕެކެޓުން ސައިތައްޓެއް ގިރަން އެތެރެއަށް ވަންނަމުން ސޯފާގައި އިށީދެލާން ބުނެލިއެވެ. 

މައުސޫމް ސޯފާގައި އިންދާ ދެ ސައިތަށި ގިރައިގެން ފިކުރީ އައެވެ.

ފިކުރީގެ ސައިތަށީގައި ތުންޖެހުމާއެކު އެއް ނޭވައިން އެ ސައިތަށި މައުސޫމް ދަމާލިއެވެ. އެ "އައްޑާގެ" ތެރެއިން ނުކުމެނެގެންދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. 

ސައިތަށި ބޯލުމާއެކު "އަޅުގަނޑު ދެން ދަނީ" އޭ ބުނެ މައުސޫމް ސޯފާއިން ތެދުވާން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ދެ ފަޔަކު ވަރެއް ނެތެވެ. އަނގަ ވަތަށް ސޯފާގެ މައްޗަށް ވެއްޓިގަތެވެ. އެވަގުތު އޭނާގެ ލޯމަތިން ފެނުނު ކުލަވަރާއި ކުރެވުނު އިހުސާސްތަކަކީ އެނާ ބޭނުންވީ ކަމެއް ނޫނެވެ. 

މައުސޫމް ސޯފާގެ މައްޗަށް ވެއްޓިފައި އޮއްވާ އިރުކޮޅެއްގެ ފަހުން އައްޑާގެ ތެރެއަށް ވަދެގެން އައީ ދެ އަންހެން ކުދިންނެވެ. މަސްތުގެ ހާލަތުގައި އޮވެ އެ ދެ ކުދިންނާއެކު ވެސް ނަހަމަ ގުޅުންތަކެއް ހިންގުނެވެ. 

އަވާގައި ޖެހި އެމީހުން ބޭނުން ކުރި މަސްތުވާތަކެތި ވެސް މައުސޫމް ބޭނުން ކުރިއެވެ. މިފަހަރު ރުހުމުގައެވެ. ހަވާނަފްސަށް އަޅުދާސްތުވެ ހުރެއެވެ. 

އެ ދުވަހު މައުސޫމް އަށް ގެއަށް ދެވުނީ ވެސް ދަންވަރު އެވެ. ހަނާ މެން ގޭގައި ނިދުނީކަމަށް އާއިލާ މީހުން ކައިރީ ބުނުމަށް ފަހު މައުސޫމް އަރާ ނިދިއެވެ. 

އަނެއް ދުވަހުގެ އިރު އަރައިގެން އައީ ބާރު ގަދަ މަސްތުވާ އެއްޗެއްގެ ދެވި ހިފުމާ ވެސް އެކުއެވެ. ހޭލުމާއެކު "އައްޑާއަށް" ދާން ބޭނުންވިއެވެ. މަސްތުވުމާއެކު ޖިންސީ ނަހަމަ ގުޅުންތަކެއްވެސް އައްޑާގައި ހިންގުމުގެ ޝައުގުވެރިކަމުގައެވެ.

އެނދުން ފުންމާލުމާއެކު މައުސޫމް ހެނދުނު ސައި ވެސް ނުބޮއެ ދިޔައީ އޭނާގެ ާއ ދިރިއުޅުމުގެ ފެށުން ކަމުގައިވާއެ "އައްޑާ" އަށެވެ. 

އައްޑާގައި ޓަކި ޖަހައި ވަނެވެ. މައުސޫމް އަށް ފިކުރީގެ ފަރާތުން ހޫނު މަރުހަބާއެއް ކިއެވެ. 

"މީ އަޅުގަނޑުމެންނާ ގުޅުނު ނޫކަށި ފުރައިގެ ޒުވާނެއް.." ފިކުރީ ހެމުން ހެމުން ބުންޏެވެ. އަދި އޭނާގެ އެކުވެރިންނަށް މައުސޫމް އިންޓްރޮޑިއުސް ކޮށްދީ އޭއީ އޭނާގެ ޅިޔަނެއްކަމަށް ބުންޏެވެ. 

މަޑުމަޑުން ފިކުރީގެ މަޅީގައި މައުސޫމް ޖައްސަމުން ގޮސް މަޅިއަށް ވަރުގަދައަށް ބާރުކޮށްލައިފިއެވެ. 

ބާރު ގަދަ މަސްތުވާތަކެތީގެ އަޅަކަށް މައުސޫމް ހަދާލީ ހަމަ ތިން ދުވަސް ވެސް ނުވަނީހެވެ. 

ފަހުން މައުސޫމްގެ ޝައުގުވެރިކަން ވެސް ހަނާއާ މެދު ވެސް ގެއްލެން ފެށިއެވެ. 

ހަނާގެ މަންމައާއެކު އެނބުރި ރާއްޖެ އައިއިރު އޭނާގެ ލޯބިވެރިޔާވެސް ބާރު ގަދަ މަސްތުވާތަކެތީގެ އަވާގައި ޖެހި ގަރަގުވެއްޖެއެވެ. 

މައުސޫމް އަށް ހެޔޮ ވިސްނައިދޭން ހަނާ މަސައްކަތް ކުރިއެވެ. ނަމަވެސް މައުސޫމް އަށް އެ ދުވަހު މުހިންމު ވީ ބާރުގަދަ މަސްތުވާތަކެއްޗެވެ. 

އެންމެފަހުން މައުސޫމްއާއި ހަނާގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައެވެ. މައުސޫމްގެ ކިޔެވުންވެސް ހަލާކުވެ ކިޔެވުން ހުއްޓާލިއެވެ. 

މައުސޫމްގެ އާ ގެއަކީ "އެ އައްޑާ" އެވެ. 

ނަމަވެސް މިހާރު އޭނާގެ ދިރިއުޅުމަކީ ދުނިޔެމަތީގެ ނަރަކައެވެ. އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން މިހާރު އޭނާ އާއެކު ނެތެވެ. މީހުންނަށް ހީލަތް ހެދުމާއި މަކަރު ހެދުމުން ފައިސާ ވެސް ހޯދީއެވެ. 

މައުސޫމްއަށް ހޭވެރިކަން ވީ އޭނާ އެ "އައްޑާ" ގައި ބާރު ގަދަ މަސްތުވާތަކެތީގެ އަވާގައިޖެހި ވެއްޓިފައި އޮއްވާ ފުލުހުން އޭނާ ގެންގޮސް ހައްޔަރުކޮށް ކޯޓުން އޭނާ ރިހިބިލިޓޭޝަން ސެންޓަރަކަށް ފޮނުވަން ނިންމި ހިސާބުންނެވެ. 

މިހާރު މައުސޫމް ބޭނުންވަނީ އަލުން އެނބުރި ކުރީގެ ދިރިއުޅުމަށް ރުޖޫއަ ވާށެވެ. 

ނަމަވެސް "އައްޑާ" ގެ ތެރޭގައި އެނާ ހޭދަކުރި 18 ވަރަކަށް މަސް ދުވަހު އެނާއާއި ގުޅުން ކެނޑުނު މީހުންނާއި، ބީވެގެން ދިޔަ ލޯބީގެ ގުޅުންތައް އަލުން އިއާދަކުރަން ވަރަށް އުނދަގޫ ވާނެއެވެ. ނަމަވެސް ހިތްވަރާކެކު އަލުން މުޖުތަމައު އަށް ނުކުތުމަށް މައުސޫމް ހުރީ ތައްޔާރަށެވެ. 

މައުސޫމް އަށް ހަނާގެ ފަރާތުން ވެސް އަދި އޭނާގެ އާއިލާގެ ފަރާތުން ވެސް އަޅާލުން ލިބޭނެކަމަށް އޭނާ އުއްމީދު ކުރެއެވެ.

58%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް