ads
އަބްދުﷲ އަމީން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަމީން މައުލޫމާތު ދިނީ ގަސްދުގައި އޮޅުވާލައިގެން: ކޮމިޓީ ރިޕޯޓް
ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެންޓިލޭޓަރު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދީފައިވަނީ ގަސްދުގައި އޮޅުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ.

ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ދެއްވި ޖަވާބުގައި ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެ އެވެ. 

އެ ރިޕޯޓުގައި ބުނެފައިވާގޮތުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ހެލްތު މިނިސްޓްރީން ދުބާއީ ކުންފުންޏާ ވެންޓިލޭޓަރު ގަތުމަށް 34.5 މިލިއަން ރުފިޔާ އަށް ހަވާލުކުރުމުގައި އެ ކުންފުންޏަކީ އެފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒަންކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު ބުނެފައިވަނީ، މި މައްސަލައިގައި މަޖިލީހުގެ ކޮމިޓީން މިނިސްޓަރު އަމީނާއި ކުރިމަތިކުރި ސުވާލުތަކަށް އިތުރުފުފުޅު ހައްދަވާފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމީން މުޅީ މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި އޮޅުވާލައިގެން މައުލޫމާތު ދީފައިވާ ކަމަށް ކޮމިޓީން ނިންމާކަމަށެވެ. 

މި މައްސަލަ މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. 

އޮޑިޓް ރިޕޯޓް: ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ބޮޑެތި މައްސަލަތައް!

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. 

އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ. 

އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީހާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަހުގީގުކުރުމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުވާކުރުމާއި މެދު އަދިވެސް ގޮތެއް ނުނިންމޭ!

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެކަމުގައި ޕީޖީން އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށްފަހު ނިންމާފައިވަނީ ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށެވެ. 

އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ. 

މިހާރު ފުލުހުންނާއި އޭސީސީ އަދި ޕީޖީ ގުޅިގެން އަންނަނީ އެ މައްސަލަ އިތުރަށް ރިވިއުކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް