ads
ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު---
ހުނަރުވެރި ކުޅުންތެރިން މައިދާން ދޫކޮށްލަނީ ހުނަރުތައް ތަރައްގީކޮށް ނުދެވޭތީ: ރައީސް
ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަ ތިބި ކަމަށާއި ނަމަވެސް ހަގީގީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލަނީ އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީކޮށްދެވޭނެ ރަނގަޅު ފްލޭނެއް ނެތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ތަރައްގީކުރި މާޝަލް އާޓްސް އަދި ޓީޓީ ހޯލް ހުޅުވާދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން އުންމީދުތައް ހުރީ ވަރަށް އުހުގައިކަމަށާއި، ކުޅިވަރުގެ ރަން ވަނަތައް ބޭނުންވާ ކަމަށެވެ.

އެކަމަކު އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެވިފައި ނެތްކަމީ، ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުޅިވަރު ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޓްރެކްތަކާއި، ޖިމްފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް އަދިއެއް ނެތް ކަމަށެވެ. 

"އެކަމަކު ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބި. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ. ހަގީގީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން. ސަބަބަކީ، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް އަދި ނެތުން. " ރައީސް ވިދާޅުވި އެވެ.

ކުޅިވަރު ތަރައްގީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދީ ތަރައްގީކޮށްދިނުން ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ކުޅުންތެރިންނަށް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން ތިބީ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ރާއްޖޭގައި ވަރަށް ކުރިއްސުރެވެސް ޗެސް އެސޯސިއޭޝަނެއް އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ކުޅިވަރު ކުޅެވޭނެ ރަސްމީ އިންތިޒާމެއް، ކުޅުންތެރިން ފަރިތަކުރާނެ ރަނގަޅު ތަނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ޗެސް އާކޭޑް ހުޅުވުމާ ހަމައަށްވެސް ރާއްޖޭގައި ހަމަޖެހިފައެއް ނެތްކަމަށެވެ.   

ވެރިކަމާ ހަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާކަމަށާއި އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަނަމަވެސް، އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމަޔަށް އައިސްފަކަން ރައީސް ފާހަގަކުރެއްވިއެވެ.


ރައީސް ވިދާޅުވީ ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަހައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތްކަމަށެވެ. އަދި މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިން މިނިސްޓަރ ދެންމެ އެ ވިދާޅުވިފަދައިން، މިހާރު އޮތީ ކަނޑައަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްސީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތްކަމަށާއި އެކަން ނިމުމާއެކު، އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެން. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ކަންކަން ފަހިކޮށްދީގެން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ގައުމީ ފެންވަރުގަޔާއި، ބައިނަލްއަގްވާމީ ފެންވަރުގައި، މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގެ ހަގީގަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ކަމަށާއި އެކަމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން އަދާކުރާ މުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް