ads
ފޮޓޯ: މޮމް ޓްރިކްސް
ކުޑަކުދިންނަށް ކާނާ އުސޫލާއި ހިލާފަށް ވިއްކާތީ ފިޔަވަޅު އަޅަނީ
ގާތުންދޭ ކިރުގެ ބަދަލުގައި ތުއްތު ކުދިންނަށް ދޭ ބާވަތްތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން އިންޕޯޓުކުރާ އުފެއްދުންތައް ރަޖިސްޓްރީކުރި ޝަރުތާއި ހިލާފަށް ބައެއް ފަރާތްތަކުން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްއެންޑީއޭ) އިން ބުނެފި އެވެ.

އެމްއެފްއެންޑީއޭ ބުނީ ރަޖިސްޓްރީ ކޮށްގެން އިންޕޯޓުކުރާ އުފެއްދުންތައް ރަޖިސްޓްރީކުރި ޝަރުތާއި ހިލާފަށް ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބަހައްޓާކަން، އެ އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާކަމަށެވެ. 

މީގެ އިތުރުން ރަޖިސްޓްރީނުކުރާ އުފެއްދުންތައް ވިއްކަން ބަހައްޓާ ކަންވެސް ފާހަގަކުރެވޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެހެންކަމުން ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށް އަދި އުފެއްދުންތައް ރަޖިސްޓްރީ ކުރި ޝަރުތާއި އެއްގޮތަށް ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބެހެއްޓުމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.

އެ އޮތޯރިޓީން ވަނީ މިހާރު ރަޖިސްޓްރީކޮށްގެން ވިއްކަންބަހައްޓާފައިވާ އުފެއްދުންތަކުގެ ލޭބަލް ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހާ ހަމައަށް އެއޮތޯރިޓީން ފާސްކޮށްފައިވާ ލޭބަލް އާއި އެއްގޮތަށް އިސްލާހުކުރުމަށް ވެސް އަންގާފައެވެ. 

އޭގެ އިތުރުން އެ ތާރީހުގެ ފަހުން ގަވާއިދާ ހިލާފަށް ލޭބަލްކޮށްފައިވާ އުފެއްދުންތައް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

 އެއޮތޯރިޓީން ބުނީ އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގައި ވާގޮތުން ދިވެހިރާއްޖެއަށް އިންޕޯޓު ކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އެގޮތުން ރަޖިސްޓްރީކުރާ އުފެއްދުންތައް އިންޕޯޓްކުރުމަށްފަހު، އެ އުފެއްދުން ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބެހެއްޓުމުގެ ކުރިން އެ އޮތޯރިޓީން ފާސްކޮށްފައިވާ ލޭބަލްއާ އެއްގޮތަށް ލޭބަލް ކުރަންޖެހޭއިރު އެ ލޭބަލްގައި އިންޕޯޓްކުރި ފަރާތްވެސް ހިމަނަންވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް