ads
ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
ހަ ރަށެއްގައި ވެދާ ސްޓޭޝަން ހަރުކުރަން ހަވާލުކޮށްފި
ސީދާ ކަމާއެކު މޫސުން ލަފާ ކުރުމަށް މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހަށް ފަސޭހަކޮށްދިނުމަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކުރަން ނިންމައިފި އެވެ.

މިއީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން އެންވާރަމަންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ "ސަޕޯޓިން ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލަައިމެޓް ޗޭންޖް އިންޑިއުސް ވޯޓާ ޝޯޓޭޖް" މަޝްރޫއުގެ ދަށުން ކުރާ މަސައްކަތެކެވެ. 

މި މަސައްކަތުގެ ބޭނުމަކީ ވެދާ ސްޓޭޝަން މިހާރު ނެތް ސަރަހައްދުތަކުގައި ގާއިމްކޮށް، ސީދާ ކަމާއެކު މޫސުން ލަފާ ކުރުމަށް މޯލްޑިވިސް މީޓިއޮރޮލޮޖިކަން ސާވިސް (މެޓް) އޮފީހަށް ފަހިކޮށްދިނުމެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަނީ "މޫސުމީ ވިއުގަ" އެއް ގާއިމްކޮށްފަ އެވެ. 

މި މަސައްކަތުގެ ޖުމްލަ އަގަކީ 2.9 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ވެދާ ސްޓޭޝަން ސަޕްލައި ކުރުމުގެ މަސައްކަތް އިޓަލީގެ ސީއޭއީ އެސްޕީއޭ އާ ހަވާލުކޮށްފައި ވަނީ 119،200 ޔޫރޯ (2.2 މިލިއަން ރުފިޔާ) އަށެވެ. އަދި އެންޓެނާ ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 737،760 ރުފިޔާ އަށް މެކްސްޓާ މޯލްޑިވްސް އަށެވެ. 

މެޓް އޮފީހުގެ ނެޓްވޯކް ހަރުދަނާ ކުރުމަށް މި ސްޓޭޝަންތައް ބަހައްޓާ ރަށްތައް ކަނޑައަޅާފައި ވަނީ އެ އޮފީހުންނެވެ. އެގޮތުން ވެދާ ސްޓޭޝަންތައް ބަހައްޓާ ރަށްތަކަކީ ރ. އަލިފުށި، ރ. ދުވާފަރު، ފ. ބިލެއްދޫ، ށ. ކޮމަންޑޫ، އދ. މަހިބަދޫ އަދި ސ. ހުޅުމީދޫ އެވެ. 

މި ވެދާ ސްޓޭޝަންތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ ވާރޭ ނުވެހުމުގެ ސަބަބުން ދިމާވާ ފެނުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މޫސުން ލަފާ ކުރެވޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް