ads
ފޮޓޯ: ރައީސް އޮފީސް
ކޮވިޑް ވެކްސިން ހޯދަން ޑަބްލިއުއެޗްއޯ އިން އެހީވާނެ: ޑރ. އަރްވިންދް މާތުރު
ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެހީވާނެ ކަމަށް އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތުރު ވިދާޅުވެއްޖެ އެވެ.

އަރުވިންދު މާތުރު ވަނީ މިއަދު މެންދުރުފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރާތް ކުރައްވާފަ އެވެ. 

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮވިޑް-19 ގެ ހާލަތުގައި ކުރިމަތިވި ގޮންޖެހުންތަކަކީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި، އެ ގައުމުތަކުގެ ނާޒުކުކަން ހަނދުމަކޮށްދޭ މިސާލެއްގެ ގޮތުގައި ސިފަކުރައްވާ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުއިއްޔާއިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.

އަދި، ވަކީން ހާއްސަކޮށް، ޑރ. އަރްވިންދް މާތުރުގެ މަންދޫބުކަމުގެ ދައުރުގައި އެ ޖަމުއިއްޔާއިން ރާއްޖެއާމެދު ބަހައްޓަމުންދާ ގާތްކަމާއި، ބަދަހިވަމުންދިޔަ ގުޅުމަށް އިޝާރާތްކުރައްވާ ރައީސް ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޑރ. އަރްވިންދް މާތުރު ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ތަރައްގީއާއި ކާމިޔާބީއަށް ތަޢުރީފު ކުރައްވާފަ އެވެ. 

އެގޮތުން، ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް އެޗް.ވީ.ޕީ. ވެކްސިން ފޯރުކޮށްދިނުމާއެކު ރާއްޖޭގެ ސިއްހީ ގާބިލުކަން އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި ރާއްޖެއަށް އެ ޖަމުއިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ޑރ. އަރްވިންދް މާތުރު ވަނީ، ރާއްޖެއިން ކޯވެކްސް ފެސިލިޓީގައި ބައިވެރިވުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި، ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމުއިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް