ads
މާލެ މަގުމަތި--
ލައިސެންސް ނެތި ދުއްވުމުން ވެހިކަލް ހިފަހައްޓާ އުސޫލަށް ރައްޔިތުންގެ ނުރުހުން
ލައިސަންސް ނެތި ވެހިކަލެއް ދުއްވައިފިނަމަ 15 ދުވަހަށް ވެހިކަލް ހިފަހައްޓާ އުސޫލަށް އަމަލު ކުރަން ފެށުމާއެކު ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ލައިސަންސް އޮވެގެން ދުއްވަން ޖެހޭ ނުވަތަ އޮޕަރޭޓް ކުރަން ޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވައިފިނަމަ ވެހިކަލް ދުއްވި މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް 15 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީ އެއްގަމު ދަތުރުފަތުރު ގާނޫނަށް ގެނެސްފައިވާ އިސްލާހަށް މިހާރު ދަނީ އަމަލު ކުރަމުންނެވެ.

މިގޮތަށް ގާނޫނަށް ބަދަލު ގެނައުމާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. ގާނޫނަށް ބަދަލު ގެނައި ނަމަވެސް އެކްސިޑެންޓުތައް ނުހުއްޓޭނެ ކަމަށް ހިޔާލު ފާޅުކުރި މީހުން ވަނީ ބުނެފަ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހު ބުނާ ގޮތުން ލައިސަންސް އޮވެގެން ދުއްވަން ޖެހޭ ނުވަތަ އޮޕަރޭޓް ކުރަން ޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތުން ދުއްވި އުޅަނދު ގިނަވެގެން 15 ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އެ ގާނޫނުގައި އިތުރަށް ބުނެފައި ވަނީ ލައިސަންސް އޮވެގެން ދުއްވަން ޖެހޭ ނުވަތަ އޮޕަރޭޓް ކުރަން ޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވުމަކީ މަނާކަމެއް ކަމަށާއި އެފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށެވެ. ދެވަނަ ފަހަރަށް ނަމަ 1500 ރުފިޔާއިން ޖޫރިމަނާކޮށް އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށް ނަމަ އިތުރުވާ ކޮންމެ ފަހަރަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. 

އަލަށް ގާނޫނަށް ގެނައި ބަދަލުތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބައެއް އިތުރު ގަވާއިދުތައް ހަދަން ޖެހެ އެވެ. އެ ގަވާއިދުތައް ހަދަން ވަނީ ހަ މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް