ads
ފަތުރުވެރިން---
ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރަނީ
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މާކެޓަށް ހާއްސަކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޑިޖިޓަލް ކެމްޕޭންތަކެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީ އިން ދެކުނު އިރުމަތީ އޭޝިއާގެ މާކެޓަށް ހާއްސަކޮށް މި މަހުގައި "ފްރީކް އައުޓް" އާއި "ޓްރެވަލް ޕްލަސް ލެއިޝާ" ގެ ނަމުގައި ކެމްޕޭން ހަރަކާތްތަކެއް ފަށާފައިވާ އިރު، އޭގެ ތެރެއިން "ފްރީކް އައުޓް" ގެ ނަމުގައި ގެންދިޔަ ހަރަކާތް މިއަދު ވަނީ ނިންމައިލާފައެވެ.

މެލޭޝިއާ މާކެޓަށް އަމާޒުކޮށްގެން ގެންދިޔަ "ފްރީކް އައުޓް" ކެމްޕޭނަކީ އެގައުމުގެ ވަޒީފާ އަދާކުރާ ޒުވާނުންނަށާއި، އަލަށް ފަށައިގަންނަ އާއިލާތަކަށާއި، މުސްލިމް ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޑިޖިޓަލް ކެމްޕޭނެކެވެ.

އެ ކެމްޕޭންގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ސިއްހަތަށާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތާއި، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ތަފާތު ކަންތައްތަކާއި ބެހޭ މައުލޫމާތުގެ އިތުރުން ރާއްޖެއަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އާޓިކަލްތައް މެދުވެރިކޮށް މައުލޫމާތުދީފައިވެ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުގައި ލަގްޒަރީ އާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަތުރުވެރިންނަށް އަމާޒުކޮށްގެން "ޓްރެވަލް ޕްލަސް ލެއިޝާ" ގެ ނަމުގައި ފަށާފައިވާ ކެމްޕޭން ހަތަރު މަސްދުވަހުގެ މުއްދަތަކަށް ދެމިގެންދާނެ އެވެ.

your image ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް

އެ ކެމްޕޭންގައި ވެސް ރާއްޖޭގައި ފަތުރުވެރިކަމުގެ ސިއްހަތަށާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ދޭނެއެވެ. 

ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ތަފާތު ކަންތައްތަކާއި ބެހޭ މައުލޫމާތުގެ ދިނުމުގެ އިތުރުން ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ދައްކައިދޭ ފޮޓޯތަކެއް "ޓްރެވަލް ޕްލަސް ލެއިޝާ" ގެ ވެބްސައިޓާއި މީސްމީޑިއާގައި ޝާއިއުކުރުމަށް ހަމަޖެހިފައިވެއެވެ.

މިހާތަނަށް އެމްއެމްޕީއާރުސީ އިން ފަތުރުވެރިކަމުގެ 22 މާކެޓެއްގައި 412 ހަރަކާތް ކުރިއަށް ގެންގޮސްފައިވާ އިރު، ގިނަ ހަރަކާތްތައް ގެންގޮސްފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރުގަ އެވެ.

ކޮވިޑް-19 ގެ ދުވަސްވަރު 314 ހަރަކާތެއް ކުރިއަށް ގެންދެވިފައިވާ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޭރު ގައުމުތަކުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އިން މަސައްކަތްތައް ކުރަމުން އަންނަ އިރު، ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ މަހުން މަހަށް ރަނގަޅުވަމުންނެވެ.

އެގޮތުން ބޯޑަރު ހުޅުވާލިފަހުން 80،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

your imageފަތުރުވެރިން---

މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ އަހަރެކެވެ.

އެގޮތުން ރާއްޖެއަށް މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީއިން ހަތަރު އެވޯޑެއް ލިބިފައިވާ އިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑްވެސް މި އަހަރު ރާއްޖެއަށް ލިބިފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް