ads
ފޮޓޯ:ޓްވިޓާ
ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އާއްމުކޮށް، އަމަލުކުރަން ފަށައިފި
ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްްޓްރީން އާއްމުކޮށްފައިވާ ޕްލޭންގައިވާ ގޮތުން އެ ޕްލޭންގެ މަގުސަދަކީ، ހުއިފިލަނޑާގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ހުއިފިލަނޑާގެ މަސްވެރިކަން ބަލަހައްޓައި، އެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމާއި، ހުއިފިލަނޑާގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގުދައްކައިދިނުމެވެ. 

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތަކީ، ހޮލޮތޫރިޑިއާ ކުލާހަށް ނިސްބަތްވާ، އާންމުކޮށް ހުއިފިލަނޑާއޭ ކިޔާ ހުރިހާ ބާވަތްތަކަށެވެ. އެ ޕްލޭންންގައި ވާގޮތުން ދިވެހިރާއްޖޭގައި ހިންގާ، ހުއިފިލަނޑާގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާނެއެވެ.

އޭގެ ތެރޭގައި، ހުއިފިލަނޑާ ނެގުމާއި، އެކުއަކަލްޗާ ކުރުމާއި، ޕްރޮސެސް ކުރުމާއި، ރައްކާކުރުމާއި، ގަނެވިއްކުމާއި، ދިވެހިރާއްޖެއިން ހުއިފިލަނޑާ އަދި ހުއިފިލަނޑާގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ. އަދި އެ ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދު ފަހަރަށާއި، އެކުއަކަލްޗާ ކުރާ ތަންތަނަށާއި ޕްރޮސެސް ކުރާ ތަންތަނަށް އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް އެ ޕްލޭން ހިނގާނެކަމަށް އެ ޕްލޭންގައި ބުނެފައިވެއެވެ.  

އެ ޕްލޭން މިއަދު އާއްމުކޮށް އަމަލުކުރަން ފަށާފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނީ، މި ޕްލޭން ވާނީ ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސަށް ކަމަށެވެ.  

ހުއިފިލަނޑާއަކީ ހޮލޮތޫރިޑިއާ، ކްލާހަށް ނިސްބަތްވާ، ކަނޑު އަޑީގެ ފަސްގަނޑުގައި ދިރިއުޅޭ މައިކަށިނެތް ކަނޑުގެ ދިރުމެކެވެ. ހުއިފިލަނޑާގެ ބައެއް ބާވަތްތަކަށް މަޑު، ފަތާ ހަށިގަނޑެއް ލިބިފައިވާއިރު، އަނެއްބައި ބާވަތްތައް ހުންނަނީ ހޮޅިއެއް ފަދައިން ވައްކޮށް ދިގުކޮށެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 1400 ބާވަތުގެ ހުއިފިލަނޑާ އުޅޭކަމަށް ރިކޯޑުކުރެވިފައިވެއެވެ. މިހާތަނަށް ކުރެވިފައިވާ މަދު ދިރާސާތަކުން ދައްކާގޮތުގައި ހުއިފިލަނޑާގެ އެކި ބާވަތްތައް ހެދިބޮޑުވާ ގޮތް ވަރަށް ތަފާތެވެ. ބައެއް ބާވަތްތައް ހެދިބޮޑުވެ، އެއް އަހަރު ނުވަތަ ދެ އަހަރުދުވަހުގެ ތެރޭގައި ފުރާވަރަށް އަރާއިރު، އަނެއްބައި ބާވަތްތައް ފުރާވަރަށް އަރަން 6 އަހަރުދުވަސް ނަގާކަމަށް ދިރާސާތަކުން ދައްކައެވެ. އާންމުކޮށް ހުއިފިލަނޑާގެ އުމުރަކީ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެކެވެ.

ކަނޑުގެ އެކި ކަހަލަ މާހައުލުތަކުގެ ބިމުގެ ފަސްގަނޑުގައި ހުއިފިލަނޑާ އުޅެއެވެ. އޭގެ ތެރޭގައި ފުންކަނޑުން ފެށިގެން ގޮސް، ތިލަ ފަޅުފަޅާއި ގޮނޑުދޮށާ ކައިރީގައި އުފެދިފައިވާ ޗަސް ބިމާއި، ހޫނު ކަނޑުތަކާއި ފިނި ކަނޑުތައް ހިމެނެއެވެ. ހުއިފިލަނޑާ ދަތުރުކުރާ ގޮތްތަކާއި، އާބާދީގެ ކުޑަބޮޑުމިން އަދި ދުނިޔޭގެ އެކި ސަރަޙައްދުތަކަށް އާބާދީ ބެހިފައިވާ ގޮތް އެތައް ކަމެއްގެ މައްޗަށް ބަރޯސާވެއެވެ.

ހުއިފިލަނޑާއަކީ މާހައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ. އެގޮތުން، ކަނޑުގެ ފަސްގަނޑު އަދި ފަރުތަކުގެ މާހައުލީ ނިޒާމްތަކުގެ ޖިސްމާނީ އަދި ކެމިކަލް ޕްރޮސެސްތައް ދެމެހެއްޓުމުގައި ހުއިފިލަނޑާ މުހިންމު ދައުރެއް އަދާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް