ads
ނޫސްވެރިކަމުގެ އިނާމް 2019
ގެއްލުވާލާފައިވާ ރިލްވާންގެ ހަނދާނުގައި ހާއްސަ ފިލައެއް އާއިލާއަށް އަރުވައިފި
މީގެ ހަ އަހަރު ކުރިން ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވައިފި އެވެ.

ކޮންމެ އަހަރުކުވެސް މީޑިއާ ކައުންސިލުން ބާއްވަމުން އަންްނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ 2019 ވަަނަ އަހަރުގެ ޖަލްސާ ރޭ ބާއްވާފައިވާއިރު، އެ ހަފްލާގައި ހަނދާނީ ފިލާ އާއި އާއިލާގެ ފަރާތުން ހަވާލުވީ ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް އެެވެ. އަދި މީޑިއާ ކައުންސިލުން ވަނީ ރިލްވާނުގެ ހަނދާނުގައި ހާއްސަ ރިޕޯޓެއްވެސް ރޭގެ ހަފްލާގައި ދައްކާލާފައެވެ.

މިއަދު ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެފައިވާ ރިލްވާން ވަނީ މިނިވަން ނޫހާއި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް އަދި މޯލްޑިވްސް ހިއުމަން ރައިޓްސްގައި ވެސް މަސައްކަތްކޮށްފައެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. މިއަދު ރިލްވާން ގެއްލުވާލިތާ ހަ އަހަރު ވެފައިވާއިރު އާއިލާއިން ތިބީ ރިލްވާނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ބުނާ ގޮތުގައި ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާއަށް ފާރާލީ ދީނީ ހަރުކަށި ޖަމާއަތުގެ ބައެކެވެ. 

އަދި ގަދަކަމުން ކަނޑުގައި އަޅާފައި އޮތް އުޅަނދަކަށް އަރުވާ، މަރާލުމުގެ ކުރިން ޝަހާދަތް ލައިދީފައި ކަމަށް ވެސް ބުނެ އެވެ. އަދި މަރާލުމަށް ފަހު ކަނޑު ފައްތާފައިވާ ކަމަށް ވެސް މަރު ކޮމިޝަނުން ބުނެ އެވެ.

ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފަހު ރިލްވާނަށް އިންސާފު ހޯދައިދެއްވުމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރާ ކޮމިޝަނަށް ބޭރުގެ މާހިރަކު ވަޑައިގެން މަރު ކޮމިޝަނާއިއެކު މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. 

ސީއެންއެމް އާއި ވާހަކަ ދައްކަމުން ރިލްވާންގެ ދައްތަ ފާތިމަތް ޝެހެނާޒް މީގެ ކުރިން ބުނެފައިވަނީ، ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ މާހިރަކު ބޭނުންވާކަމަށް ރައީސްގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ. އެއީ އާއިލާއިން ފުލުހުންނަށް އިތުބާރު ނުކުރެވޭތީ މިމައްސަލަ ވީއެންމެ އަވަކަށް ތަހުގީގުކޮށް އިންސާފުހޯދަން ބޭނުންވާތީ ކަމަށް ޝެހެނާޒް ވުނެފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝެހެނާޒް ބުނީ، އެންމެ ފަހުން ކޮމިޝަނުން އާއިލާއަށް ދިން މައުލޫމާތަށް ބަލާފައި، ތަހުގީގު ކުރިއަށްދާ ގޮތާއިމެދު ހިތްހަމަޖެހޭ ކަމަށާއި، ކޮމިޝަނުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމައްސަލާގައި އިންސާފު ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް