ads
ފޮޓޯ ސޯޝަލް މީޑިއާ:-
ދެމަފިރިންގެ ޒުވާބުުން ދަރިއަކު ބާރުގަދަ މަސްތުވާތަކެތީގެ ވަބާއަށް!
މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާން ޖީލެއް ނެތި ދިއުމުގެ ބިރާ ރާއްޖެ ކުރިމަތިލާންޖެހިފައިވާއިރު މިކަމުގެ ތެރެއަށް ޒުވާނުން ވަންނަން މެދުވެރިވާ ސަބަބު ހޯދައި ހައްލެއް ހޯދުމަކީ މުހިއްމު ކަމެކެވެ. ވާހަކަ ދައްކާލި ބައެއް ޒުވާނުންގެ ވާހަކަތައް ހުރި ގޮތުން މިކަމުގެ ތެރެއަށް ވަންނަން މެދުވެރިވި މައި ސަބަބަކަށް އާއިލާތައްވެފައި އެބަހުއްޓެވެ.

މައިގަނޑު ގޮތެއްގައި މިލިޔުމުގައި މި އަލިއަޅުވާލަނީ އާއިލާގެ މައްސަލަތަކާއި ހުރެ މަސްތުގެ އައްޑާތަކަށް ވަންނަން ޖެހުނު ޒުވާނުންގެ ވާހަކަތަކަށެވެ. އެގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް މި ވާހަކަ ކިޔައިދިން ޒުވާނަކު ބުނީ އޭނާގެ އުމުރުން އެންމެ 18 އަހަރު ވެސް ނުވަނީސް މަސްތުވާތަކެތި ބޭނުންކުރަން ފެށުނީ އާއިލާގެ މައްސަލަ ބޮޑުވެގެން ކަމަށެވެ. 

މި ޒުވާނާގެ މައިންބަފައިންނަށް އޭނާގެ ހަގަށް ދެ ކުދިން ތިބިއިރު އަބަދުވެސް ގޭތެރޭގައި އިވޭނީ މައިންބަފައިންގެ ޒުވާބު ކަމަށް މި ޒުވާނާ ބުންޏެވެ. އެގޮތުން ބޮޑުވަމުން އައިއިރު ވެސް މި މަންޒަރުތައް ގޭތެރޭގެ މާހައުލުގައި އާންމުވެ. 

މިކަމެއް ފެށުނީ ގްރޭޑް ހަތެއްގައި ކިޔަވަމުން އަައިކަން ފާހަގަކޮށް، ބުނީ އެއް ދުވަހެއްގައި މަންމައަށް ބައްޕަ ވަރަށް ގަދަޔަށް އަނިޔާކޮށް ހަދާއި މަންޒަރު ވެސް ފެނުން ކަމަށެވެ. އަދި އަބަދުވެސް ބައްޕަ ގެއަށް އައުމާއެކު ޒުވާބު ފެށިގެންދާއިރު އެކަމެއް ހިނގަނީ ބައްޕަ އެހެން އަންހެނުންގެ ކައިރިއަށްދާކަން މަންމައަށް އެނގުމުން ކަމަށް ބުންޏެވެ. 

އެކަމަކު އަބަދުވެސް ފެންނަނީ އެ އަނިޔާތަކަށް ކެތްކޮށް މަންމަ އުޅެމުން އަންނަ މަންޒަރު ކަމަށާއި އަނިޔާތައް ފެނި، ބައްޕަ ކައިރިން ދުރަށްދާން މަންމަ ކައިރީ އުމުރުން އެންމެ 13 އަހަރުގައި އޭނާ އެދުން ކަމަށް ވެސް ބުނެ އެވެ. އެކަމަކު ދަރިންގެ ހައްގުގައި އެކަން ކުރެވެން ނެތްކަމަށް ބުނެ، ފެނިގެންދަނީ މަންމަ އެކަމެއްގައި އުޅޭ މަންޒަރު ކަމަށް ބުނެ އެވެ. 

ގޭތެރޭގައި އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން ސްކޫލަށް ދިއުން ވެސް މި ޒުވާނާ ހުއްޓާލި އެވެ. އެއީ އޭނާ ގްރޭޑް ދިހައެއްގައި އުޅެން ޖެހޭ އަހަރެވެ. އެކަމަކު ސްކޫލަށް ދިއުމަށް ކަމަށް ބުނެ، ޔުނިފޯމް އަޅައިގެން އޭނާ ނައްޓާލަނީ، ކޮންމެވެސް ޕާކެއް ދޮށަށެވެ. އެގޮތަށް ގޭގައި ވަގުތު ހޭދަކުރަން ފޫހިވެ، އެތަން މިތަނުގައި އުޅެން ފެށުމުން ލިބެން ފެށީ ވެސް ނުރަނގަޅު ރަހުމަތްތެރިން ކަމަށާއި އެމީހުންނާއެކު "ސަޅި" ކަމެއް ކޮށްލައި، ބޯހަމަޖައްސާލުމަށް މަސްތުގެ "އައްޑާ" ތަކަށް ވެސް ވަންނަން ފެށުނީ އެހިސާބުން ކަމަށް ބުނެ އެވެ.

އެގޮތުން ހަގު އުމުރުގައި ބާރުގަދަ ޑްރަގުތަކުގެ ވަބާގައި ޖެހި، އެކަމަށް ދެވިހިފިއެވެ.

އެންމެ ފަހުން ވައްކަންކޮށްގެން ވެސް އެތިކޮޅު އަތަށް ނުލިބޭނަމަ، މީހާއަށް ހިފަހައްޓާލަން އުނދަގޫ ހިސާބަށް ކަންކަން ދިޔައީއެވެ. 

ގޭތެރޭގައި ކަމެއް ގޯސްވެ، މީހާގެ ބޯގޮވާ ކޮންމެ ފަހަރަކު މަސްތުވާތަކެތި ބޭނުންކުރުން އާންމު ކަމަކަށްވެގެންދިޔައެވެ. 

ވިސްނާނުލާ ކުރެވުނު ކަމެއްގެ ސަބަބުން ގޯސް މަގަކަށް ދިޔައިރު އެކަމުން އަރައިގަނެވުނީ ވެސް ދިމާވި އެކުވެރިއެއްގެ ސަބަބުންނެވެ. އެކަންކަމުގެ ތެރެއިން ހޭވެރިކަންވާން ފެށިއިރު އެކުގައި ތިބި ގާތް ރަނގަޅު ރަހުމަތްތެރިން ފެންނާކަށް ނެތެވެ. އެމީހުން ވެސް އޭނާއާއެކު އުޅެން ބޭނުމެއް ނުވިއެވެ. 

އެންމެން އޭނާ ދޫކޮށް ދިޔައިރު ވެސް ގާތުގައި އެކަކު ހުއްޓެވެ. މީހާ ކެނޑިފައި ހުންނައިރު ވެސް އުއްމީދުގެ ބަސްތަކުން އަނބުރާ އަލުން އާދެވިދާނެ ކަމުގެ އުއްމީދެއް ވެސް ދެނީ މިބުނާ އެކުވެރިޔާ އެވެ. އެންމެ ފަހުން، ބައްޕަގެ އަނިޔާތަކާއެކު އޭނާއަށް ވެސް މަންމައަށް އެދެވެނީ ބޮޑު އަނިޔާއެއްކަން ވިސްނައިދީ މިބުނާ އެކުވެރިޔާ ވަނީ އޭނާއަށް އެތައް ނަސޭހަތެއްދީފައެވެ. 

ނަތީޖާއެއްގެ ގޮތުން އެކަމަށް ފަރުވާ ހޯދައި އަނބުރާ މުޖުތަމައަށް އައުމުގެ އަޒުމާއެކު ޑްރަގް އެޖެންސީން ފަރުވާ ހޯދަން ފެށި އެވެ. އެތައް މަސްތަކެއްގެ ފަރުވާއަށް ފަހު މިބުނާ ޒުވާނާއަކީ މިހާރު މަސްތުގެ ވަބާއިން ސަލާމަތްވެ، ރަނގަޅުވެ ވަޒީފާއެއް އަދާކުރަމުން އަންނަ ޒުވާނެކެވެ. އޭނާ އެކަމުން، ސަލާމަތްވެ، ބައްޕަގެ އަނިޔާތަކުން ވެސް މަންމަ ސަލާމަތްކޮށް، އެ ކުޑަކުޑަ އާއިލާ މިއަދު އުޅެމުން އަންނަނީ ނިކަން އުފަލުގައެވެ. 

މަސްތުގެ ވަބާގައި ޖެހިފައިވާ އާއިލާތަކަށް މި ޒުވާނާ ދޭން ބޭނުންވާ ނަސޭހަތެއް ވެސް އެބަ އޮތެވެ. އެއީ ހިތްވަރާއެކު ތެދުވެއްޖެނަމަ، މަސްތުގެ އަވައިގައި ކިތަންމެ ބޮޑަށް ގެނބިފައިވިޔަސް، އަލުން އަނބުރާ މުޖުތަމައަށް އަތުވެވިދާނެ ކަމެވެ. އެކަމަކު އެކަން ކުރެވެން ވެސް އޮތީ ރަހުމަތްތެރިންނާއި ގާތް މީހުންގެ އެކީގައި ކަމުން، އެފަދަ ރަހުމަތްތެރިން ބާކީނުކޮށް އެހީވާން އެދުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް